








ކ.އަތޮޅުގެ 3 ރަށްކަމަށްވާ ގުރައިދޫ، މާފުށި އަދި ގުޅި ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދު ކުރެއްވި ދަތުރުފުޅުގައި އެރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާއި ބައްދަލުކޮށް، ޔުނީފޯމް ގަވައިދުތައް ހިފަހައްޓަން ނަސޭހަތްތެރިވެއްޖެ އެވެ.
އިއްޔެ ބޭއްވި މި ބައްދަލުވުންތަކުގައި ވާހަކަދައްކަވަމުން ސީޕީ ވަނީ ފުލުހުންގެ ސުލޫކީ މިންގަނޑު ހިފެހެއްޓުމަށާއި، ޔުނީފޯމް އެޅުމުގެ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށާއި، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އޯގާތެރިކަމާއި ހަމަހަމަކަން ގާއިމުކުރުމަށް އިލްތިމާސްކުރައްވާފަ އެވެ.
ރަށްރަށުގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް އެޅުމަށް ފަށާފައިވާ މަޝްރޫއުގެ ދަށުން، އެ މަރުކަޒުތައް ގާއިމުކުރެވިގެން ދިއުމާއެކު ފުލުހުންގެ މަސައްކަތަށާއި ފުލުހުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ރަށްރަށުގެ ރައްޔިތުން މަސައްކަތް ކުރަމުންދަނީ ފުލުހުންނާ ގުޅިގެން ވަރަށް ގާތުންކަން ފާހަގަކުރައްވައި، އެއީ ފުލުހުންގެ މަސައްކަތަށް ލިބިގެންދާ ވަރަށް ބޮޑު ފަސޭހައަކާއި ކުރިއެރުމެއްކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުންތަކުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި، ސީނިއަރ ބައެއް އޮފިސަރުންނާއި، އެ ރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާއި، އާންމު މުވައްޒަފުން ބައިވެރިވެލެއްވިއެވެ.
މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ ފުލުހުންގެ މަރުކަޒުތަކަށް ކޮމިޝަނަރ ކުރެއްވުމަށް ހަމަޖެހިފައިވާ ޒިޔާރަތުގެ ތެރެއިން ކުރިއަށްގެންދާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުތަކުގައި ރަށްރަށުގެ ފުލުހުންގެ މަރުކަޒުތަކުގެ ހާލަތު ވަޒަންކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ގުރައިދޫއަށް ކޮމިޝަނަރ ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައި އެ މަރުކަޒުގެ އިސްވެރިންނާ ބައްދަލުކުރައްވައި، މަސައްކަތްތައް ކުރިއަށް ގެންދާގޮތް އޮޅުންފިލުއްވައި އަދި ފުލުހުންގެ ފަރާތުން ބައެއް ތަކެތި އެ މަރުކަޒަށް ހަދިޔާކުރެއްވިއެވެ.







