








-
ޖަޕާނުގެ މެދުތެރެއަށް އާދީއްތަ ދުވަހުގެ ފަތިހު އައި ބާރުގަދަ ބިންހެލުމެއްގައި 20 އަށްވުރެ ގިނަ މީހުން ޒަޚަމްވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ޖަޕާން މީޓިއޮރޮލޮޖިކަލް އޭޖެންސީން މަޢުލޫމާތު ދޭ ގޮތުގައި، ރެކްޓަރ މިންގަނޑުން 5.7 ގެ ބާރުމިނުގައި އައި މި ބިންހެލުން އުފެދިފައިވަނީ ޖަޕާނު ގަޑިން މެންދަމު 1:04 ގައެވެ.
މި ބިންހެލުން އައީ ޝިޒުއޯކާ ޕްރިފެކްޗާގެ ހުޅަނގު ސަރަޙައްދުގެ ބިމުގެ ގާތްގަނޑަކަށް 40 ކިލޯމީޓަރު (25 މޭލު) އަޑިއަށެވެ. ނަމަވެސް، މި ހާދިސާއާ ގުޅިގެން ސުނާމީގެ އެއްވެސް އިންޒާރެއް ނެރެފައެއް ނުވެއެވެ.
ކިޔޯޑޯ ނިއުސް އޭޖެންސީން ބުނެފައިވާ ގޮތުގައި، އައިޗީ އަދި ޝިޒުއޯކާ ސަރަޙައްދުން 20 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ބިންހެލުމުގެ އަސަރު ހަމަމާތްސޫ ސިޓީގެ އިތުރުން ޖަޕާނުގެ ތާރީޚީ ދެ ރަށް ކަމަށްވާ ކިޔޯޓޯ އަދި ނާރާއަށާއި، ފުޖީ ފަރުބަދަ ހިމެނޭ ޔަމަނާޝީ އަދި ގިފޫ ޕްރިފެކްޗާއަށްވެސް ވަރަށް ބޮޑަށް ވަނީ ކޮށްފައެވެ.
އެހެންނަމަވެސް، ބިންހެލުން އުފެދުނު ސަރަޙައްދާ ދުރުގައި އޮތުމުން ވެރިރަށް ޓޯކިޔޯއަށް މި ލޮޅުމުގެ އަސަރެއް ނުކުރެއެވެ.
އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބައެއް މީހުންނަށް އަނިޔާވެފައިވަނީ ސަލާމަތްވުމަށްޓަކައި ޢިމާރާތްތަކުން އަވަހަށް ނުކުންނަން އުޅުމުގެ ތެރޭގައި ސިޑިތަކުން ވެއްޓިގެންނެވެ.
ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ކުރިއަށް އޮތް ހަފުތާގެ ތެރޭގައި، ޚާއްޞަކޮށް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އިތުރު ބާރުގަދަ ލޮޅުންތަކެއް (އާފްޓަރޝޮކްސް) އަތުވެދާނެތީ އެކަމަށް ފުރިހަމައަށް ސަމާލުވެ ތިބުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.




