








ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މުއައްސަސާތަކާއި ޚިދުމަތްދޭ އިދާރާތައް އެއް ފުރާޅެއްގެ ދަށަށް ގެނެސް، ޢާންމުންނަށް ބޭނުންވާ މަޢުލޫމާތާއި ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ބޭއްވި "މޯލްޑިވްސް ހެލްތް އެންޑް ފެމެލީ އެކްސްޕޯ 2026" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިސްވެ ބޭއްވި މި އެކްސްޕޯއަށް ޢާންމުންގެ ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ.
މިއަހަރުގެ އެކްސްޕޯގައި މާލެ ސަރަޙައްދުގެ މައި ހޮސްޕިޓަލްތަކާއި، ޢަމިއްލަ ކްލިނިކްތަކުގެ އިތުރުން އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލްތަކާއި މަދަނީ ޖަމްޢިއްޔާތައް ހިމެނޭހެން 60 އަށްވުރެ ގިނަ ސްޓޯލް ވަނީ ބަހައްޓާފައެވެ. ފާއިތުވި އަހަރާ އަޅާބަލާއިރު މިއަހަރުގެ އެކްސްޕޯގައި ބައިވެރިވި އިދާރާތަކުގެ ޢަދަދު ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ. އެގޮތުން ޚިދުމަތް ދިނުމުގެ ދާއިރާތައް ފުޅާކުރެވި، ޞިއްޙީ ދާއިރާގެ އެކި ޚިދުމަތްތަކަށް އެދޭނެ ގޮތުގެ މަޢުލޫމާތާއި ހެލްޕްލައިންތަކާ ގުޅޭ ތަފްޞީލު ޢާންމުންނަށް ސީދާ ސްޓޯލްތަކުން ވަނީ ފޯރުކޮށްދީފައެވެ.
ޢާންމުންނަށް ލިބުނު ފައިދާތަކާއި ޚާއްޞަ ހަރަކާތްތައް
މި އެކްސްޕޯގެ ތެރެއިން ޢާންމުން ހޭލުންތެރިކުރުވުމަށް ޚާއްޞަ ޕެނަލް ޑިސްކަޝަންތަކާއި ސެޝަންތައް ވަނީ ކުރިއަށްގެންގޮސްފައެވެ. މީގެއިތުރުން ހިލޭ ޞިއްޙީ ޓެސްޓުތައް ހެދުމުގެ ފުރުޞަތާއި، ޢާއިލީ ދުޅަހެޔޮކަމާ ގުޅޭ އިރުޝާދުތައް އެއްތަނަކުން ލިބިގެންދިޔުމަކީ އެކްސްޕޯއަށް ޒިޔާރަތްކުރި ގިނަ ފަރާތްތަކުން ފާހަގަކުރި މުހިންމު ފައިދާއެކެވެ.
މި އެކްސްޕޯގެ ސަބަބުން ޢާންމުންނާއި ޚިދުމަތްދޭ ފަރާތްތަކާ ދެމެދު އޮތް ގުޅުން ބަދަހިވެ، އެކި ބަލިތަކަށް ފަރުވާ ހޯދުމުގައްޔާއި ޢާއިލީ ދުޅަހެޔޮކަން ކަށަވަރުކުރުމުގައި ހުރި ފުރުޞަތުތައް ދެނެގަތުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަ ކަމަށް ކަމާބެހޭ އިދާރާތަކުން ވިދާޅުވެއެވެ.

ހެލްތު އެސްޕޯގެ ތެރެއިން
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މި އެކްސްޕޯ ބޭއްވުމުގެ މައިގަނޑު މަޤުޞަދު ވަނީ ފުރިހަމައަށް ޙާޞިލުވެފައެވެ. އަދި ޢާންމުންގެ ފަރާތުން ލިބުނު ބޮޑު ތަރުޙީބަށް ބަލައި، ކުރިއަށް އޮތް އަހަރުތަކުގައި މި ހަރަކާތް މިއަށްވުރެ ފުޅާ ދާއިރާއެއްގައި އަދި އިތުރު އައު ޚިދުމަތްތަކާއެކު ކުރިއަށްގެންދިއުމަށް ވަނީ ރާވާފައެވެ.








