


.jpeg?w=3840&q=75)





ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ކިލަނބުކޮށްލަން ހިންގާ ޖަރީމާތަކުން ރާއްޖެ ސަލާމަތްކުރުމުގައި ދެމިތިބެންޖެހޭނެ ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރާއްޖޭގެ ރިސޯޓެއްގައި އެއް ޖިންސުން ކައިވެނި ކޮށްދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ޝޯޝަލް މީޑިއާގައި ފެތުރެމުން ދިޔުމާއި ގުޅިގެންނެވެ.
'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ޝަހީމް ވިދާޅުވީ ރާއްޖޭގެ ޤާނޫނު އަސާސީއާއި ކަމާ ގުޅުން ހުރި އެހެނިހެން ޤާނޫނުތަކާ ޚިލާފަށް މިފަދަ ކަންކަން ހިންގާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ. އަދި މި މައްސަލަ ތަޙްޤީޤުކޮށް ފިޔަވަޅު އަޅައިދިނުމަށް އެދި 4 ނޮވެމްބަރ 2026 ގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ފުލުންގެ ޚިދުމަތުގައި އެދިފައިވާނެ ކަމަށެވެ.
މީގެއިތުރުން ދިވެހިރާއްޖެ މާއްދިއްޔަތުގެ ތެރެއަށް ވައްޓާލައި ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ކިލަނބުކޮށްލަން ހިންގާ މިފަދަ ޖަރީމާތާކުން ރާއްޖެ ސަލާމަތްކުރުމުގައި ދެމިތިބެންޖެހޭނެ ކަމުގައި ވެސް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ރިސޯޓެއްގައި އެއް ޖިންސުން ކައިވެނި ކޮށްދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ދާދި ފަހުން ސޯޝަލް މީޑިއާގައި އާންމު ވެފައިވާތީ އެކަމާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ފުލުހުން ބުނީ، އެ އަމަލަކީ ގާނޫނީ ގޮތުން ހުއްދަ ނޫން އަމަލަކަށް ވާތީ ފުލުހުން އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެހެންކަމުން ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމުގައި ވެފައި، ދީނީ އަދި ޝަރުއީ އުސޫލުތަކާއި، ދިވެހި ރާއްޖޭގެ ގާނޫނުތަކާއި، އާންމު އިޖުތިމާއީ އަދި އަހުލާގީ މިންގަނޑުތަކާ ހިލާފު މި ފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

.jpg?w=3840&q=75)

