


.jpeg?w=3840&q=75)




.jpeg?w=3840&q=75)
މޫސުން
ދިވެހިންގެ ކާބަފައިން ޒަމާނުއްސުރެ މޫސުމާއި ދިރިއުޅުމުގެ ކަންކަން ތަރުތީބުކުރުމަށްޓަކައި ބޭނުންކުރަމުން އައި ނަކަތްތެރިކަމަކީ ވަރަށް ފުރިހަމަ ޢިލްމެކެވެ. ރާއްޖޭގެ މޫސުން ބެހިގެންވާ ދެ މޫސުމުގެ ތެރެއިން، ހުޅަނގު މޫސުމުގެ ފަހުކޮޅަށް އެޅޭއިރު އަންނަ މުހިންމު އެއް ނަކަތަކީ "ވިހާ" ނަކަތެވެ. މިއީ ހުޅަނގު މޫސުމުގެ ސޯޅަވަނަ ނަކަތެވެ. ކަލަންޑަރުގެ ހިސާބުން ބަލާއިރު މި ނަކަތް ހިނގާނީ ކޮންމެ އަހަރެއްގެ ވެސް ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނޮވެންބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.
ވިހާ ނަކަތަކީ ޢާންމުގޮތެއްގައި މޫސުން ރަނގަޅު، އުޑުމަތި ސާފު ދުވަސްވަރެކެވެ. މި ނަކަތުގައި ވައިޖެހޭނީ ހުޅަނގު ފަރާތުންނެވެ. އެވްރެޖް ގޮތެއްގައި ވައިގެ ބާރުމިން ހުންނާނީ ގަޑިއަކު 20.37 ކިލޯމީޓަރުގައެވެ. ވިއްސާރައިގެ އަސަރު ކުޑަ މި ނަކަތުގައި ވާރޭވެހޭ މިންވަރަކީ ގާތްގަނޑަކަށް 3.7 އިންޗިއެވެ. އަދި މުޅި ނަކަތުގައި އެވްރެޖްކޮށް 93 ގަޑިއިރު އަވިދޭނެ ކަމަށް ހިސާބުތަކުން ދައްކައެވެ. މޫސުން މަޑުމައިތިރިވެ، ކަނޑުތައް އަމާންވުމުގެ ސަބަބުން މި ނަކަތަކީ މަސްވެރިކަމަށް ނުހަނު ފަހި، މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވާ ދުވަސްވަރެކެވެ.
މި ނަކަތަކީ ހަމައެކަނި ދިވެހިރާއްޖޭގައި އެކަންޏެއް ނޫން، އަވަށްޓެރި އެހެން ޤައުމުތަކާއި ސަގާފަތްތަކުގައި ވެސް ފާހަގަކުރެވޭ ނަކަތެކެވެ. އެގޮތުން، ހިންދޫން މި ނަކަތަށް ކިޔައި އުޅެނީ "ވިސާކާ" އެވެ. ޢަރަބިން ކިޔައި އުޅެނީ އައްޒުބަނާން އެވެ. މާނައަކީ ދެ ވަކިގަނޑެވެ. ސިންހަޅަބަހުން މި ނަކަތަށް ކިޔަނީ ވިސާ އެވެ.
ހާ ނަކަތަކީ ހުޅަނގު މޫސުމުގެ ގަދަވަޔާއި ވިއްސާރައިގެ ދުވަސްތަކަށްފަހު، މޫސުން އަލިވެ، މަސްވެރިންނަށާއި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށް އުފާވެރިކަމާއި ފަސޭހަކަން ގެނެސްދޭ، ބަރަކާތްތެރި ނަކަތެކެވެ.