


.jpeg?w=3840&q=75)





ރާއްޖޭގެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށާއި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
އެ އިދާރާ އިން ބުނީ ކުރިއަށް އޮތް 5 ދުވަހަށްވެސް ރާއްޖޭގެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށާއި އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް ވެސް ވަނީ ބުނެފައެވެ.
މީގެއިތުރުން ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކޮށްފައިވާއިރު، މެދުރާއްޖެތެރެއާއި އުތުރަށް ވައިޖެހޭނެކަމަށް ލަފާކޮށްފައިވަނީ ގަޑިއަކު 5 މޭލާއި 15 މޭލާއިދެމެދުގެ ބާރުމިނުގައެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައްވެސް ވިލާގަނޑުގައި ގަދަވާނެކަމަށް ބުނެއެވެ.
އެގޮތުން ވިލާގަނޑެއްގައި ގަޑިއަކު 40 މޭލަށް ގަދަވާނެކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ނަމަވެސް އުތުރާއި މެދުރާއްޖެތެރެ އާދައިގެ ވަރަކަށް މަޑުވާނެކަމަށް މެޓުން މައުލޫމާތުދެއެވެ. މެޓް އޮފީހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ގދ. ފަރެސްމާތޮޑާއަށާއި ގދ. ކާޑެއްދޫއަށެވެ. އެގޮތުން ފަރެސްމާތޮޑާއަށް 104.4 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ. އަދި ކާޑެއްދޫއަށް 63 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.
ވިއްސާރައިގައި ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތުތައް އެއިދާރާއިން ހިއްސާކުރައްވަމުންގެންދަވާނެ ކަމަށް ބުނެއެވެ.