








ޤައުމަށް ޣައްދާރުވުމުގެ ނަތީޖާއަކީ އަބަދުވެސް އަބާއްޖަވެރިކަން ކަމަށާއި، ޤައުމަށް ވަފާތެރިވުމުގެ ނަތީޖާއަކީ ބާއްޖަވެރިކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މިއަހަރުގެ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާއަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، އެދުވަހުގެ ދުޝްމަނުންނާ ދެކޮޅަށް ދިވެހި ސިފައިން ދެއްކި މަތިވެރި ޤައުމީ ނަމޫނާއިން އަދުގެ ޒުވާނުން ޢިބްރަތް ޙާޞިލްކުރަން ޖެހޭ ކަމަށެވެ. އަދި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ދިފާޢުކުރުމުގައި ފުރާނައިން ޤުރުބާންވި ބަޠަލުންގެ ޒިކުރާ ތާއަބަދު އައުކުރަންޖެހޭ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އެދުވަހު ޝަހީދުވެގެން ދިޔަ ހިތްވަރުގަދަ ދިވެހި ސިފައިން ފުރާނައިން ޤުރުބާންވެގެން ދިޔައީ މާތްވެގެންވާ އިސްލާމްދީނާއި މި ލޮބުވެތި ވަޠަނަށްޓަކައި، ދިވެހި ލޮބުވެތި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރި މަތިވެރި މަސައްކަތުގެ ތެރެއިންކަން ރައީސް ޑރ. މުޢިއްޒު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، ކޮންމެ ދިވެހި ދަރިއަކީވެސް ދީނާއި ޤައުމަށް ވަފާތެރި، ޤައުމީ ލޯބި ހިތުގައި ބިންވަޅު ނެގިފައިވާ އަދި ޤައުމަށް ޣައްދާރުވުމުން ދުރުހެލިވެގެންވާ ބަޔަކަށް ވުމަށް އިލްތިމާސްކުރައްވާފައެވެ.




