.jpg?w=3840&q=75)
ރައްޔިތުންގެ މަޖިލީހުގެ މަޖިލިސް ރައީސް، ވަޒީރުން އަދި ކައުންސިލަރުންގެ މުސާރަ ބޮޑުކޮށްފިއެވެ.
މަޖިލީހުން މިގޮތަށް ފާސްކުރީ އެ ފަރާތްތަކުގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ހުށަހެޅި ރިޕޯޓްގައިވާގޮތަށް އެ ރިޕޯޓު ފާސްކޮށްގެންނެވެ.
އެރިޕޯޓުވާގޮތަށް މުސާރަތައް ބޮޑުކުރަން މަޖިލީހުން ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެވަގުތު ތިއްބެވި 55 މެންބަރުންގެ ތެރެއިން ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާނާއި ޕީއެންސީ މެންބަރުންނާ އެކު 42 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ނަމަވެސް އެމްޑީޕީގެ 12 މެންބަރުން ވޯޓު ދެއްވީ މުސާރަ ބޮޑު ނުކުރުމަށެވެ.
މަޖިލީހުގެ ރައީސަށް ލިބެމުން އައީ 73125 ރުފިޔާ ކަމަށާއި ނައިބް ރައީސަށް 91،000 ރުފިޔާ ކަމަށާއި މެންބަރުންނަށް ލިބެނީ ކޮމިޓީ އެލަވަންސާއެކު 82،500 ރުފިޔާ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. ނަމަވެސް 22،000 ރުފިޔާގެ އެލަވަންސެއް މަޖިލިސް ރައީސަށް ހަމަޖެއްސުމުން، މަޖިލިސް ރައީސަށް 95125 ރުފިޔާ، ނައިބު ރައީސަށް 91000 އަދި މެންބަރުންނަށް ލިބޭނީ 82500 ރުފިޔާކަމުން އެ ފަރާތްތަކުގެ މުސާރައިގެ ފަރަގު ތަފާތެވެ.
ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ވެސް 58،500 ރުފިޔާއިން 75،500 ރުފިޔާއަަށް ބޮޑުކުރަން ވެސް ކޮމިޓީ ރިޕޯޓްގައި ވަނީ ފާސްކޮށްފައެވެ.
މިނިވަން މުއައްސަސާތަކަށް 74،000 ރުފިޔާ އާއި 59،000 ރުފިޔާ ލިބޭ އިރު، އުއްތަމަ ފަނޑިޔާރަށް 91،000 ރުފިޔާ، އެހެން ފަނޑިޔާރުންނަށް 89،000 ރުފިޔާ، ކޯޓުތަކުގެ އިސް ފަނޑިޔާރުންނަށް 76،000 ރުފިޔާ، އެހެން ފަނޑިޔާރުންނަށް މުސާރައިގެ ގޮތުގައި 68،000 ރުފިޔާ ލިބޭ ކަމަށްވެސް ބުންޏެވެ. ހަމަ އެގޮތަށް އިސްގާޒީންނަށް 62،000 ރުފިޔާ އަދި ގާޒީންނަށް 60،000 ލިބޭއިރު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ 58،500 ރުފިޔާގެ މުސާރަ ކުޑަކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ވަޒީޒުންގެ މަޖިލީހުގެ މެންބަރުންގެ ސީދާ މުސާރައާ ކުޅުމުގެ ބަދަލުގައި އެ މީހުންނަށް މުސާރަ ބޮޑުކުރަން ހުށަހެޅީ، އެބޭފުޅުންނަށް ލިބިވަޑައިގަންނަވާ ޑްރައިވަރުންގެ އެލަވަންސް ޕެކޭޖަށް ބަދަލު ގެނެސްގެންނެވެ.
އެގޮތުން އެ ޕެކޭޖުގައި ޕެޓްރޯލް އެލަވަންސްގެ ގޮތުގައި ހިމެނޭ، 1000 ރުފިޔާ 2000 ރުފިޔާގެ އެލަވަންސަށް ބޮޑުކޮށް، ޑްރައިވަރުގެ މުސާރައިގެ ގޮތުގައި ހިމެނޭ 6500 ރުފިޔާ 12،000 ރުފިޔާއަށް ބޮޑު ކުރަން ހުށަހެޅިއެވެ. އަދި ޑްރައިވަރުގެ ލިވިން އެލަވަންސްގެ ގޮތުގައި 3000 ރުފިޔާގެ އިތުރު އެލަވަންސެއް ހިމަނައި އެ ޕެކޭޖު، 7500 ރުފިޔާއިން 17،000 ރުފިޔާއަށް ބޮޑުކުރަން ހުށަހެޅިއެވެ.
ރަށް ރަށުގެ ރަށު ކައުންސިލަރުންނަށް އިތުރު 5000 ރުފިޔާގެ އެލަވަންސެއް ދޭން ވެސް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ރިޕޯޓްގައި އެ ކޮމިޓީން ވަނީ ފާސް ކޮށްފައެވެ. މި އެލަވަންސް ހިމެނުމުން، ރަށު ކައުންސިލްތަކުގެ ރައީސުންނަށް ލިބޭނީ 30،500 ރުފިޔާ، ނާއިބު ރައީސުންނަށް 25،000 ރުފިޔާ އަދި ކައުންސިލް މެންބަރުންނަށް 23،000 ރުފިޔާ ލިބޭނެއެވެ.


.jpg?w=3840&q=75)



.jpg?w=3840&q=75)

.jpeg?w=3840&q=75)

