

.jpg?w=3840&q=75)

.jpeg?w=3840&q=75)



އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ލިބިވަޑައިގަންނަވާ އިނާޔަތްތައް އިތުރުކޮށް، ޖުމްލަ މުސާރަ 95،125 ރުފިޔާއަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.
މިގޮތަށް ނިންމީ އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރަން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައި މަޖިލިސް ތަޅުމަށް ހުށަހެޅި ރިޕޯޓަށް ބަހުސް ކުރުމަށްފަހު އެ ރިޕޯޓްގައިވާގޮތަށެވެ.
އުއްތަމަ ފަނޑިޔާރަށް ލިބިދެވޭ މުސާރަ އާއި އިނާޔަތްތައް މުރާޖައާކޮށް، މުސާރަ ބޮޑުކުރަން ކޮމިޓީގެ އިއްޔެގެ ބައްދަލުވުމަށް ހުށަހެޅުއްވީ ޕީއެންސީގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. އޭނާ ހުށަހެޅުއްވީ އުއްތަމަ ފަނޑިޔާރަށް ހާއްސަ އެލަވަންސެއްގެ ގޮތުގައި 4125 ރުފިޔާ ހަމަޖެއްސުމަށެވެ. ތާއީދު ކުރެއްވީ ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފް އެވެ.
މެމްބަރ މަމްދޫހު ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑު ކުރަން ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވާ މުސާރައާ އެއްހަމަ މުސާރައެއް އުއްތަމަ ފަނޑިޔާރަށް ހަމަޖައްސައިދިނުމުގެ ގޮތުން ކަމަށެވެ.
މި ގޮތަށް އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ، އެވަގުތު ޖަލްސާގައި ތިއްބެވި 55 މެންބަރުންގެ ތެރެއިން ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހައްނާން އަބޫބަކުރު ހިމެނޭހެން ޕީއެންސީގެ 40 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެގޮތަށް ފާސް ނުކުރަން ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންނެވެ.


.jpg?w=3840&q=75)
