








1988 ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ޤައުމުގެ ދިފާޢުގައި ޝަހީދުވި ސިފައިން ދެއްކެވި މަތިވެރި ހިތްވަރުން އަދުގެ ޒުވާނުން ހިތްވަރު ލިބިގަންނަންޖެހޭ ކަމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް ޙަސަން ރަޝީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑިފެންސް މިނިސްޓަރުގެ ވާހަކަފުޅުގައި، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށްޓަކައި ފުރާނައިން ޤުރުބާންވި ބަޠަލުންގެ ޒިކުރާ އަބަދުވެސް އާކުރަންޖެހޭނެ ކަން ފާހަގަކުރެއްވިއެވެ. އަދި ދިވެހި ސިފައިންނަކީ ޤައުމަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކާއި ގޮންޖެހުމަކާވެސް ސާބިތުކަމާއި، އެއްބައިވަންތަކަމާއި އެކުވެރިކަމާއެކު ކެރިގެން ކުރިމަތިލާ ބައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ޤައުމަށްޓަކައި ޝަހީދުވެދިޔަ މަތިވެރި އަބްޠާލުންގެ ޢާއިލާތަކަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދި އެމަނިކުފާނު ދުޢާ ދެންނެވިއެވެ.
ދިވެހިރާއްޖޭގައި ނަޞްރުގެ ދުވަސް ފާހަގަކުރަނީ ސްރީލަންކާގެ ޓެރަރިސްޓު ޖަމާޢަތެއް ކަމަށްވާ "ޕްލޮޓް" ގެ ހަނގުރާމަވެރިންނާ ގުޅިގެން ޚާއިނުންގެ ބަޔަކު 1988 ނޮވެމްބަރު 3 ގައި ދިން ޢުދުވާނީ ޙަމަލާއާ ދެކޮޅަށް ދިވެހި އަސްކަރިއްޔާއިން ކުރި މަތިވެރި ޖިހާދުގެ ހަނދާނުގައެވެ.
އެ ދުވަހު ދިވެހި އަސްކަރިއްޔާގެ މައި މަރުކަޒުގެ ތެރެއަށް ވަނުމަށް ބާޣީން ކުރި މަސައްކަތްތައް ސިފައިން ވަނީ ހިތްވަރާއެކު ނާކާމިޔާބުކޮށްލާފައެވެ. އަދި މިއަދު ފާހަގަކުރެވެނީ ޤައުމުގެ ދިފާޢުގައި ދިވެހި ސިފައިންނާއި ރައްޔިތުން ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.
ހިތާމަވެރި އެ ޢުދުވާނީ ޙަމަލާގައި ޤައުމަށްޓަކައި ޖިހާދުކޮށް ދިވެހި އަސްކަރިއްޔާގެ 8 ބޭފުޅަކާއި، ޢާންމު ރައްޔިތުންގެ ތެރެއިން 11 ބޭކަލަކު ހިމެނޭހެން ޖުމްލަ 19 ދިވެހިން ވަނީ ޝަހީދުވެފައެވެ.








