







2027 ވަނަ އަހަރަށް ލަފާކޮށް، 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބަޖެޓު ހުށަހެޅީ މިއަދުގެ މަޖިލިސް ޖަލްސާގައި ފިނޭންސް މިނިސްޓަރ ހަސަން ޒަރީރެެވެ.
މިއީ މި އަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ކުޑަ ބަޖެޓެކެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓު ހުށަހަޅުއްވަމުންމިނިސްޓަރ ވިދާޅުވީ، އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގެ ޖުމްލައަކީ 59,704,440,795 ރުފިޔާ ކަމަށާއި އޭގެ ތެރެއިން ދައުލަތުގެ ޖުމްލަ ޚަރަދުގެ ގޮތުގައި ހިނގާނީ 52.6 ބިލިއަން ރުފިޔާ ކަމަށެވެ. އެއީ ހިންގުމުގެ ޚަރަދަށް 42.7 ބިލިއަން ރުފިޔާ އާއި ތަރައްޤީގެ މަޝްރޫޢުތަކާއި އިންވެސްޓްމަންޓްތައް ހިމެނޭ ކެޕިޓަލް ޚަރަދަށް 9.9 ބިލިއަން ރުފިޔާ ކަމަށްވާއިރު، މީގެ ތެރެއިން ޕީއެސްއައިޕީ މަޝްރޫޢުތަކަށް އެކަނި 8.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، މިއީ މި އަހަރާ އަޅާބަލާއިރު 1.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ނަމަވެސް އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް 9.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 7.3 އިންސައްތައެވެ. މި އަހަރު ނިމޭއިރު ޑެފިސިޓް ހުންނާނެ ކަމަށް ލަފާކުރަނީ 7.6 ބިލިއަން ރުފިޔާ ނުވަތަ ޖީޑީޕީގެ 6.2 އިންސައްތައިގައެވެ.
މި އަހަރުގެ ނިޔަލަށް ދައުލަތުން 11.7 ބިލިއަން ރުފިޔާގެ ދަރަނި އަނބުރާ ދައްކާނެ ކަމަށް ބެލެވޭތީ، އަންނަ އަހަރު ދަރަނި ދެއްކުމަށް ހޭދަވާނީ 4.5 ބިލިއަން ރުފިޔާ ކަމަށް ޒަރީރު ވިދާޅުވިއެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފެށުނު ހަނގުރާމައިގެ ސަބަބުން ފަތުރުވެރިން އައި މިންވަރު ދަށްވެ، މި އަހަރުގެ އިޤްތިޞާދީ ދުވެލި 0.6 އިންސައްތައާއި 1.8 އިންސައްތައާ ދެމެދުގައި ހުންނާނެ ކަމަށް މިހާރު ލަފާކުރެވެއެވެ. އަންނަ އަހަރު އިޤްތިޞާދީ ދުވެލި 3.9 އިންސައްތައާއި 6.8 އިންސައްތައާ ދެމެދަށް އަރާނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ.






.jpeg?w=3840&q=75)
