








އާސެނަލް އާއި ލިވަޕޫލް ވާދަކުރި މެޗުގެ ތެރެއިން...
އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ލިވަޕޫލް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އާސެނަލް އިން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައފިއެވެ.
ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު މެޗުގައި އެވަޓަން އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-0 ގެ ނަތީޖާއަކުން ބްރައިޓަން ބަލިކޮށްފައެވެ. އަދި މިއީ ލިވަޕޫލްގެ ދަނޑުގައި އެންމެ ފަހުން ކުޅުނު 14 މެޗުގެ ތެރެއިން އާސެނަލް މޮޅުވި ފުރަތަމަ މެޗެވެ.
ލިވަޕޫލްގެ އަންފީލްޑްގައި ކުޅުނު މިމެޗުގެ ހަމައެކަނި ލަނޑު މެޗުގެ 16 ވަނަ މިނެޓުގައި އާސެނަލްއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖަރުމަނު ފޯވާޑް ކައި ހަވާޓްޒް އެވެ. މިއީ އެޓީމުގެ އިނގިރޭސި މިޑްފިލްޑަރު ޑެކްލަން ރައިސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިނަތިޖާއެކު ލީގުގައި ކުޅުނު ނުވަ މެޗުން އާސެނަލްއަަށް 24 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ނުވަ މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ. އަދި މިމެޗުން ބަލިވި ލިވަޕޫލުން ލީގުގައި ކުޅުނު ނުވަ މެޗުން ހޯދި 15 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ފަަސްވަނައިގައެވެ.
މީގެ އިތުރުން މިއީ ލީގުގައި، ރަށުން ބޭރުގައި އެންމެ ފަހުން ކުޅުނު 20 މެޗުގެ ތެރެއިން އާސެނަލް މޮޅުވި 17 ވަނަ މެޗެެވެ. އަދި މިއީ ޕްރެމިއާ ލީގުގައި އާސެނަލް އިން ރަށުން ބޭރުގައި ކާމިޔާބުކުރި 300 ވަނަ މެޗެވެ. އަދި މީގެ ކުރިން ޕްރެމިއާ ލީގު ޓީމުތަކުގެ ތެރެއިން ރަށުން ބޭރުގައި 300 މެޗު ކާމިޔާބުކުރި ހަމައެކަނި ޓީމަކީ މެންޗެސްޓާ ޔުނައިޓެޑެވެ.








