






.jpg?w=3840&q=75)

އެމްއެންޔޫގެ ޖަޒްލާން... ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ ގާފު އައިޔޫއެމްއެސްޔޫ ބީޗް ހޭންޑްބޯޅަ ފިއެސްޓާ 2026 ގެ ފިރިހެން ޑިވިޝަން ސެމީފައިނަލްގައި 2-0 ގެ ނަތީޖާއަކުން އެވިޑް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން އެމްއެންޔޫ އިން މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ސެމީފައިނަލުން އެމްއެންޔޫ ޖާގަ ހޯދި ލީގުބުރުގައި ކުޅުނު ތިން މެޗުން ހޯދި، ހަ ޕޮއިންޓާއެކު ލީގުބުރުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި އެވިޑް ސެމީފައިނަލުން ޖާގަ ހޯދީ މުބާރާތުގައި ކުޅުނު ތިން މެޗުން ހޯދި ތިން ޕޮއިންޓާއެކު ލީގުބުރުގެ ތިންވަނަ ޓީމުގެ ގޮތުގައެވެ. އަދި މިދެޓީމު ލީގުބުރުގައި ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވެސް އެމްއެންޔޫ އިންނެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގެ ބީޗް ހޭންޑްބޯޅަ ކޯޓުގައި ކުޅުނު މިމެޗުގެ ފުރަތަމަ ސެޓްގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް 9-10 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެމްއެންޔޫ އިންނެވެ. އަދި ދެވަނަ ސެޓުގައި އެމްއެންޔޫ އިން ކުޅުން ރަނގަޅުކުރިއިރު، މިސެޓް އެޓީމުން ކާމިޔާބުކުރީ ހަ ޕޮއިންޓްގެ ލީޑަކާއެކު 19-13 ގެ ނަތީޖާއަކުންނެވެ.
އެގޮތުން މިމެޗުގައި އެމްއެންޔޫގެ ޖަޒްލާން 22 ޕޮއިންޓް ކާމިޔާބުކުރިއިރު، އެޓީމުގެ ރިޒުޚާން ފަސް ޕޮއިންޓް އަދި އަޔާޒް ވަނީ އެއްޕޮއިންޓް ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި އެވިޑްގެ ނާބިތު 14 ޕޮއިންޓް ކާމިޔާބުކުރިއިރު، އެޓީމުގެ ޝުއާއު ހަ ޕޮއިންޓް އަދި ވިޔާޒް ވަނީ އެއްޕޮއިންޓް ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއެންޔޫގެ ޖަޒްލާން އެވެ.
24 އޮކްޓޯބަރު 2026 އިން 31 އޮކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ ފިރިހެން ޑިވިޝަންގައި މިއަހަރު ޖުމްލަ ހަތަރު ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމު ފައިނަލަށް ހޮވޭގޮތަށެވެ. އަދި ލީގުބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ސެމީފައިނަލް މެޗެއް ކުޅެ އެމެޗުން މޮޅުވާ ޓީމަކަށް ފައިނަލްގެ ދެވަނަ ޖާގަ ލިބޭ ގޮތަށެވެ.








