
ޚަބަރުތައް ކަވަރުކުރުމުގައި ޙަރަކާތްތެރިވާ ނޫސްވެރިންނަށް އަމާޒުކޮށް މީސްމީޑިއާގައި އިންޒާރުދީ، ފުރައްސާރަކުރުމާއި ބިރުދެއްކުމުގެ ޢަމަލުތައް ހިންގަމުންދާތީ، އެކަން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އެމްއެމްބީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެކި އިވެންޓުތަކާއި ޚަބަރުތައް ކަވަރުކުރާ ނޫސްވެރިންނަށް އަމާޒުކޮށް ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި އިންޒާރުދިނުމާއި، ފުރައްސާރައާއި ބިރުދެއްކުމުގެ މައްސަލަތަކާ ގުޅޭ ކަންބޮޑުވުންތައް އެ ކޮމިޝަނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ޚާއްޞަކޮށް، ހުތުރު ބަހުރުވައިން ފުރައްސާރަކޮށް، ނޫސްވެރިންގެ ފުރާނައަށް ނުރައްކާވާ ފަދަ އިންޒާރުތައް ދީގެން ހިންގާ މިފަދަ ޒިންމާދާރުކަން ކުޑަ ޢަމަލުތައް އެއްވެސް ޙާލެއްގައި ބަލައިނުގަނެވޭނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ޑިމޮކްރަސީގެ ހަތަރުވަނަ ބާރުގެ ގޮތުގައި ބެލެވޭ މީޑިއާގައި މަސައްކަތްކުރާ ނޫސްވެރިންނަށް ޖެއްސުންކޮށް، ބިރުދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ފާހަގަކުރަމުން، އެމްއެމްބީސީގެ ބަޔާނުގައި ވަނީ ޚަބަރު ފެތުރުމުގައި މީޑިއާތަކުން ވެސް ޒިންމާދާރުވުމަށް ހަނދާންކޮށްދީފައެވެ.
އެގޮތުން، ބްރޯޑްކާސްޓަރުންނާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑުގެ 10 ވަނަ މާއްދާގެ (ނ) އާ ޙަވާލާދީ އެ ކޮމިޝަނުން ބުނީ، އެއްވެސް މީހެއްގެ އަބުރާއި ޢިއްޒަތަށް އުނިކަން އަންނަ ފަދަ، ނުވަތަ މުޖުތަމަޢުގައި ބޭނުންކުރުން އެކަށީގެންނުވާ ހަޑިހުތުރު ބަސްތަކާއި ޢަމަލުތައް އަދި އިޝާރާތްތައް ހިމެނޭ އެއްވެސް އެއްޗެއް ޝާއިޢުކޮށް ބްރޯޑްކާސްޓްކުރުމަކީ މަނާކަމެއް ކަމަށެވެ.
އެހެންކަމުން، ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުތަކަށް ފުރިހަމައަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު ބޭނުންކުރުމުގައި އެންމެހައި ފަރާތްތަކުން ވެސް ޒާތީ ތަޢައްޞުބުން އެއްކިބާވެ، ޒިންމާދާރުކަމާއެކު ޢަމަލުތައް ބެހެއްޓުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ އެންމެހައި ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.




.jpg?w=3840&q=75)




.jpg?w=3840&q=75)


