








ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފަހި މާހައުލެއް ގާއިމުކޮށްދިނުމަށް މިހާރަށްވުރެ ބޮޑަށް އިސްކަމެއް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި ނުކުޅުދުންތެރިކަން ހުންނަ ފަރާތަކުން ހުށަހެޅި ކަންބޮޑުވުންތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.
ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް، އެފަރާތުން ވަނީ ނުކުޅުދުންތެރިކަން ހުންނަ މީހުންގެ މަރުކަޒުގެ ހާލަތު ހުރީ އެންމެ ރަނގަޅަށް ނޫންކަމަށާއި އެ މައްސަލަ ހައްލުކޮށްދިނުމަށް އެދިފައެވެ. އަދި ވަޒީފާގެ ފުރުސަތުތައް ލިބުމުގައި ހުރި ދަތިތައް ވެސް ޙިއްސާކޮށްފައިވެއެވެ.
އެގޮތުން އިންޓަރންޝިޕް ފުރިހަމަކޮށް، އިންޓަރވިއުތަކަށް ދިޔަނަމަވެސް އިންޓަރންޝިޕަށްފަހު ދާއިމީ ފުރުސަތުތައް ނުލިބޭ ކަމަށާއި އެހެންކަމުން އެ ކަންބޮޑުވުން ވސް އޭނާ ވަނީ ރައީސާ ޙިއްސާކޮށްފައެވެ.
މި ވާހަކަތަކަށް ރައީސް ޑރ. މުއިއްޒު ވިދާޅުވީ ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމަށް އިތުރު މަސައްކަތްތަކެއް ސަރުކާރުން ކުރައްވާކަމަށާއި އެންމެން ޝާމިލްވާ މުޖުތަމައެއް ބިނާކުރުމަކީ ސަރުކާރުގެ އެންމެ އިސް އެއް މަޤްސަދުކަމަށެވެ. އަދި އަންނަ އަހަރު ޝާމިލު މުޖުތަމައެއް ބިނާކުރުމުގެ ޤައުމީ މަޝްރޫޢެއް ފަށަން ސަރުކާރުން ނިންމާފައިވާކަމަށް ވިދާޅުވިއެވެ.
މިއީ ރާއްޖޭގައި ނާޒުކު އާބާދީތައް ބާރުވެރިކުރުވުމަށްޓަކައި ޝާމިލު މުޖުތަމައެއް ބިނާކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މަޝްރޫއެއް ކަމަށާއި އެ މަޝްރޫޢުގެ ބޭނުމަކީ ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުންކަމަށް ރައީސް ވިދާޅުވިއެވެ.







.jpg?w=3840&q=75)
.jpg?w=3840&q=75)