


.jpg?w=3840&q=75)

.png?w=3840&q=75)


.jpeg?w=3840&q=75)
e-s7mp7veaelmph-1
ކައުންސިލްތަކުގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާ ގުޅޭ ގޮތުން ކައުންސިލްތަކުގެ މައްޗަށް ދައުވާ އުފުލި ޝަރުޢީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކުގެ ތެރެއިން އެޓަރނީ ޖެނރަލްގެ އޮފީހުން ހާޒިރުވާންޖެހޭ ގޮތަށް ހުށަހަޅައި ހިނގަމުންދާ މައްސަލަތައް ރައްދުވާ ކައުންސިލްތަކަށް އަނބުރާ ފޮނުވާލުމަށް އެ އޮފީހުން ނިންމައިފިއެވެ.
ބަންޑާރަ ނައިބުގެ އޮފީހުން މިފަދަ ނިންމުމެއް ނިންމާފައިވަނީ، ލޯކަލް ކައުންސިލްތަކުގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭ ބަންޑާރަ ބިމުގެ މައްސަލަތަކުގައި، ލޯކަލް ކައުންސިލްތަކަށް ޢަމިއްލައަށް ތަމްސީލު ނުކުރެވޭނެ ކަމަށާއި، އެފަދަ މައްސަލަތަކުގައި ކައުންސިލްތައް ކޯޓުގައި ތަމްސީލުކުރަންޖެހޭނީ ބަންޑާރަ ނައިބު ކަމަށް ދިވެހިރާއްޖޭގެ ހައި ކޯޓުން ކުރެއްވި ޙުކުމުގެ އެ ބައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިއްޔެ ބާޠިލު ކުރެއްވުމުންނެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ހުކުމް ކުރެއްވީ ބަންޑާރަ ނައިބުގެ އޮފީހުން އެ މައްސަލަ އިސްތިއުނާފު ކުރުމުންނެވެ. ބަޔާނުގައި ވިދާޅުވީ ބިންތަކާއި ގުޅޭ ގޮތުން ހައިކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރި މައިގަނޑު ސަބަބަކީ ހައި ކޯޓުގެ އެ ނިންމެވުމަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިފައިވާ ބާރުތަކާއި އެ ޤާނޫނުގެ މަޤުޞަދާ ޚިލާފު ނިންމެވުމެއް ކަމަށް ދެކޭތީ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވަނީ ކައުންސިލްތަކުގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭ ކަންކަމުގައި ކައުންސިލެއްގެ މައްޗަށް އުފުލޭ ދަޢުވާތަކާއި ކުރާ ދަޢުވާތަކާއި ހިންގާ މައްސަލަތަކުގައި އެ ކައުންސިލްތައް ތަމްސީލުކުރާނީ އެ ކައުންސިލެއް އަމިއްލައަށް ކަމަށެވެ.



.jpg?w=3840&q=75)




