






.jpeg?w=3840&q=75)

-
ދަތުރުފަތުރާއި، ތަޢުލީމާއި، ސިއްޙަތު އަދި ދިފާޢީ ދާއިރާ ހިމެނޭ ގޮތަށް، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު 20 އެއްބަސްވުމެއް މިއަދު ރަސްމީކޮށް ބަދަލުކޮށްފިއެވެ.
މި އެއްބަސްވުންތައް ބަދަލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ތާރީޚީ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުންތަކުގެ ތެރޭގައި ދެ ޤައުމު ގުޅިގެން އަލަށް އެއްބާރުލުން ދިނުމަށް ކަނޑައެޅި ދާއިރާތަކާއި، މިހާރުވެސް ގުޅުން އޮތް ދާއިރާތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭ މުހިންމު ދާއިރާތައް ހިމެނެއެވެ.
ތަޢުލީމީ ދާއިރާއިން ބަދަލުކުރެވުނު ދެ އެއްބަސްވުމަކީ ޓެކްނިކަލް އަދި ވޮކޭޝަނަލް ތަޢުލީމާއި ތަމްރީނު ކުރިއެރުވުމަށް ވެވުނު އެއްބަސްވުމަކާއި، ރާއްޖޭގެ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާއި ޕާކިސްތާނުގެ ހަޔަރ އެޑިއުކޭޝަން ކޮމިޝަނާ ދެމެދު ވެވުނު އެއްބަސްވުމެވެ.
މީގެއިތުރުން ދެ ސަރުކާރުގެ ދެމެދުގައި ސޮއިކުރެވުނު އެހެނިހެން މުހިންމު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ:
ދެ ޤައުމުގެ މުއައްސަސާތަކުގެ ދެމެދުގައި ވެވުނު އެއްބަސްވުންތަކުގެ ތެރޭގައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީގެ އެއްބަސްވުމާއި، ރާއްޖޭގެ ސިވިލް ސަރވިސް ކޮމިޝަނާއި ޕާކިސްތާނުގެ ފެޑަރަލް ޕަބްލިކް ސަރވިސް ކޮމިޝަނާ ދެމެދު ވެވުނު ދެ އެއްބަސްވުން ހިމެނެއެވެ. ހަމައެއާއެކު، ފުލުހުން ތަމްރީނުކުރުމަށް ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި ޕާކިސްތާނުގެ ޕޮލިސް އެކެޑަމީއާ ދެމެދު އެއްބަސްވުމެއް ޤާއިމުކުރެވުނުއިރު، ރާއްޖެއަށް ބޭނުންވާ ޒަރޫރީ ސާމާނު މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ޓްރޭޑިންގ ކޯޕަރޭޝަން އޮފް ޕާކިސްތާން (ޓީސީޕީ) އާ ދެމެދު ވަނީ ޚާއްޞަ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުންތައް ބަދަލުކުރުމުގެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެން އެއްބަސްވުންތައް ބަދަލުކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމާއި، ދިފާޢީ ވަޒީރު ޙަސަން ރަޝީދާއި، ދާޚިލީ ވަޒީރު ޢަލީ އިޙްސާނާއި، ޞިއްޙީ ވަޒީރު ޑރ. ގީލާ ޢަލީއާއި، އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދެވެ. މީގެއިތުރުން ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އަދި ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޠޯހާ ވެސް މި ރަސްމިއްޔާތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ.






