




.png?w=3840&q=75)
ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި އަދި ފޮރިން މިނިސްޓަރު އިޝާން ޑާރް، އާ ބައްދަލުކުރައްވައިފިއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ދެއްވި ހާއްސަ ދައުވަތަކަށް ރައީސް މިހާރު އެ ގައުމަށް ކުރައްވަމުންގެންދަވާ ދެ ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ބޭޭއްވެވި އެ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށާއި އެކުގައި މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ އާއި ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފްގެ އިތުރުން، އެ ގައުމުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. އަދި ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި، ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ އެކު ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.
މީގެއިތުރުން ރަސްމީ ވާހަކަފުޅުތަކަށް ފަހު، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގިނަ ފަހުމުނާމާތަކެއް ބަދަލުކުރުމުގެ ރަސްމިއްޔާތު ދެ ލީޑަރުން ޝަރަފުވެރިކޮށްދެއްވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. ޕާކިސްތާނުގެ "ސަމާ ނިއުސް" އިން ބުނެފައިވަނީ މި ދަތުރުފުޅުގައި 12 ވަރަކަށް އެއްބަސްވުމުގައި ޕާކިސްތާނާއި ރާއްޖެއިން ސޮއިކުރާނެ ކަމަށެވެ.
ޕާކިސްތާނު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ރާއްޖެއާ އެކު ސޮއިކުރާ އެއްބަސްވުންތަކުގެ ތެރޭގައި ވިޔަފާރި އާއި އިންވެސްޓްމެންޓް، ސިއްހަތު، ތައުލީމު، ކްލައިމެޓް ޗޭންޖް، ޓޫރިޒަމް، ސިވިލްއޭވިއޭޝަން، ދިފާއީ އަދި އަސްކަރީ ދާއިރާ ހިމެނޭ ކަމަށެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުހައްމަދު، ސަރުކާރުގެ ބައެއް މިނިސްޓަރުން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން އަދި ސަރުކާރުގެ އިސް ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.





