






.jpeg?w=3840&q=75)
.jpeg?w=3840&q=75)
ދިވެހިރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް ސަރުކާރުން ފަށާފައިވާ ޤައުމީ ބިޔަ މަޝްރޫޢަށް އެހީތެރިވުމުގެ ގޮތުން، 100،000 ޒައިތޫނި ގަހުގެ ކަޓިންގްސްއާއި އެކި ވައްތަރުގެ ގަސްގަހާގެހީގެ 100،000 އޮށް ހަދިޔާކުރަން ޕާކިސްތާނު ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ފުރަމާނަ ދަތުރުފުޅުގައި، ދެ ޤައުމުގެ ލީޑަރުން ދެއްވި ގުޅިފައިވާ ބަޔާނުގައި ވާހަކަފުޅު ދައްކަވަމުން ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފެވެ.
ބޮޑުވަޒީރު ވިދާޅުވީ، ދެ ޤައުމުން އެއްބަސްވާ މުއްދަތެއްގެ ތެރޭގައި މި ތަކެތި ރާއްޖެއަށް ފޯރުކޮށްދޭނެ ކަމަށެވެ.
މީގެއިތުރުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޑޭޓާ ސެންޓަރުތައް ޤާއިމުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް މަރުޙަބާ ވިދާޅުވަމުން ބޮޑުވަޒީރު ވިދާޅުވީ، ޕާކިސްތާނަކީ މި ދާއިރާއިން ފަންނީ ޤާބިލުކަމާއި ތަޖުރިބާ ހުރި ޤައުމެއް ކަމަށެވެ. އަދި ރާއްޖޭގައި ޑޭޓާ ސެންޓަރުތައް ތަރައްޤީކޮށް ހިންގުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ތަޖުރިބާ ދިވެހިރާއްޖެއާ ޙިއްޞާކުރުމަށް ޕާކިސްތާން އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިހިނގާ އޮކްޓޫބަރުމަހުގެ 20 އިން 22 އަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރައްވާ މި ފުރަމާނަ ދަތުރުފުޅަކީ، އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުގެ ބޮޑުވަޒީރު، ހިޒް އެކްސަލަންސީ މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް، ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.މި ދަތުރުފުޅު ދިމާވެފައި މި ވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތާއެވެ. ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 26 ޖުލައި 1966 ގައެވެ.








