







ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ރަސްމީ ސިފައެއްގައި ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުމާ ދިމާކޮށް، ދެ ޤައުމުގެ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް މުހިންމު ފިޔަވަޅުތަކެއް އެޅެމުން އެބަދެއެވެ. ރާއްޖެއަށް 1965 ގައި މިނިވަންކަން ލިބުމަށްފަހު، އެހެން ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމުގެ ތެރެއިން ޕާކިސްތާނާއެކު ރަސްމީ ސިޔާސީ ގުޅުން ޤާއިމުކުރެވުނީ 26 ޖުލައި 1966 ގައެވެ. މި ސިޔާސީ ގުޅުމުގެ މައިގަނޑު އެއް ބިންގަލަކަށް ވެފައިވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް އިސްލާމީ ވަރުގަދަ އަޚުވަންތަކަމެވެ.
ދެ ޤައުމުގެ ގުޅުން އެކި ފަންތީގައި ކުރިއަރަމުން އައިކަމުގެ އެއް ހެއްކަކީ 1976 ވަނަ އަހަރު ޕާކިސްތާނުގެ ހަބީބް ބޭންކުގެ ޚިދުމަތް ރާއްޖޭގައި ފެށުމެވެ. މީގެ އިތުރުން، ރާއްޖޭގެ ހަތަރުވަނަ ޤާނޫނުއަސާސީ ނުވަތަ ނޫ ޤާނޫނުއަސާސީ އެކުލަވައިލުމުގައި ޕާކިސްތާނު ސަރުކާރުން ވަކީލަކު ފޮނުވައިގެން ފަންނީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މިކަން ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވަނީ 1981 ވަނަ އަހަރު ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް "ޤާނޫނުއަސާސީގެ ނަމޫނާ" ހުށަހަޅުއްވަމުން ފާހަގަކުރައްވާފައެވެ.
ދިވެހި ދައުލަތުގެ ވެރިޔަކު އެންމެ ފުރަތަމަ ފަހަރަށް ޕާކިސްތާނަށް ވަޑައިގެންނެވީ ރައީސް މައުމޫންގެ ވެރިކަމުގައި 1984 ވަނަ އަހަރުއެވެ. އެ ދަތުރުފުޅުގައި ޕާކިސްތާނުގެ އޭރުގެ ރައީސް ޖެނެރަލް މުޙައްމަދު ޟިޔާއުލްޙައްޤު ހޫނު މަރުޙަބާއެއް ދެންނެވި އިރު، ޖެހިގެން އައި 1985 ވަނަ އަހަރު ޖެނެރަލް ޟިޔާއުލްޙައްޤު ވަނީ ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައެވެ. މިއީ ތާރީޚުގައިވެސް ޕާކިސްތާނުގެ ވެރިޔަކު ރާއްޖެއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. މި ދަތުރުފުޅުތަކާ އެކު ދެ ޤައުމުގެ ގުޅުން އިތުރު ދާއިރާތަކަށް ފުޅާވެގެން ދިޔައެވެ.
ދެ ޤައުމުގެ ގުޅުމުގައި ދެން އެންމެ ފާހަގަކޮށްލެވޭ އެއް ޝަޚުޞިއްޔަތަކީ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފެވެ. އެމަނިކުފާނު އެންމެ ފުރަތަމަ ރާއްޖެ ވަޑައިގެންނެވީ 1990 ވަނަ އަހަރު ބޭއްވި ފަސްވަނަ ސާކް ސަމިޓަށެވެ. ރާއްޖޭގައި ބޭއްވި ތިން ސާކް ސަމިޓުގެ ތެރެއިން 1990 އާއި 1997 ގެ ސަމިޓުގައި ޕާކިސްތާނު ތަމްސީލުކުރެއްވީ އެމަނިކުފާނެވެ. އަދި ދެ ޤައުމުގެ ގުޅުމުގެ އެންމެ ބޮޑު އެއް ރަމްޒަކީ ޕާކިސްތާނުން ދިވެހިރާއްޖެއަށް ހަދިޔާކުރި ރައްޔިތުންގެ މަޖިލިސް ކުރާ ގެއެވެ. އެ ޢިމާރާތް ރަސްމީކޮށް ހުޅުވައިދެއްވީ 1998 ވަނަ އަހަރު ނަވާޒް ޝަރީފް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ. އޭގެ ފަހުން 2017 ވަނަ އަހަރުވެސް އެމަނިކުފާނު ވަނީ ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައެވެ.
ސަރަޙައްދީ އެއްބާރުލުމުގެ ގޮތުން ސާކް ސަމިޓްތަކަކީ ދެ ޤައުމުގެ ވެރިން ބައްދަލުވުމުގައި މުހިންމު ދައުރެއް އަދާކުރި ވަސީލަތެކެވެ. ޕާކިސްތާނުގައި ބޭއްވި 1988 ގެ ހަތަރުވަނަ ސާކް ސަމިޓަށާއި 2004 ގެ 12 ވަނަ ސާކް ސަމިޓަށް ރައީސް މައުމޫން އިސްލާމްއާބާދަށް ވަޑައިގެންނެވިއެވެ. މީގެ އިތުރުން 2004 ވަނަ އަހަރު ބޮޑުވަޒީރު ޝައުކަތު ޢަޒީޒް ރާއްޖެ ވަޑައިގެންނެވި އިރު، އެ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި ހާލުގައި ޖެހުނު ފަތުރުވެރިން ސަލާމަތްކުރުމުގައި ޕާކިސްތާނުގެ އަސްކަރީ މަނަވަރުތަކުން ވަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. އަދި 2011 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާކް ސަމިޓުގައި ބޮޑުވަޒީރު ޔޫސުފް ރަޒާ ގިލާނީ ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް މައުމޫނުގެ ވެރިކަމަށްފަހު ދިވެހި ވެރިޔަކު އެންމެ ފުރަތަމަ ޕާކިސްތާނަށް ޒިޔާރަތްކުރެއްވީ 2015 ވަނަ އަހަރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. އަދި އޭގެ 10 އަހަރު ފަހުން، ދެ ޤައުމުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅަކީ ޒަމާންވީ އަޚުވަންތަ ގުޅުމަށް އައު ދިރުމެއް ގެނެސްދީ، އިތުރު ހަރުފަތަކަށް ގުޅުން އުފުލިގެންދާނެ މުހިންމު ދަތުރުފުޅެކެވެ.





%20(6).jpeg?w=3840&q=75)
