

%20(6).jpeg?w=3840&q=75)






ޗައިނާގެ ހިލޭ އެހީގެ ދަށުން 880 ސޯލާ މަގުބައްތި ހަދިޔާކޮށްފި
ޗައިނާގެ ހިލޭ އެހީގެ ދަށުން 880 ސޯލާ މަގުބައްތި ހަދިޔާކޮށްފި އެވެ.
ޗައިނާ ސަރުކާރުން ހަދިޔާކުރި މަގުބައްތިތަކާއި ހަވާލުކުރުމަށް ބޭއްވި ހާއްސަ ހަފްލާގައި، ރަސްމީ އެއްބަސްވުމުގައި ބިނާރާއީ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާއި ބެހޭ ވުޒާރާގެ ފަރާތުން ވަޒީރު ޑރ.އަބްދު ﷲ މުއްތޮލިބު ސޮއިކުރެއްވިއިރު، ޗައިނާގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ އެވެ.
މިއީ ރާއްޖެ އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "ޗައިނާ ސޯލާ ލައިޓްސް މޯލްޑީވްސް" މަޝްރޫއުއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދިޔާކުރި ސޯލާ މަގުބައްތިތަކެކެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވީ މިއީ މިދިޔަ އަހަރު ރައީސް ޑރ.މުހައްމަދު މުއިއްޒު ޗައިނާގެ ރައީސްއާއެކު ބޭއްވެވި ބައްދަލުވުމުގައި ރާއްޖެއަށް މަގުބައްތި ހަދިޔާކުރުމަށް ނިންމެވި ނިންމެވުމެއްކަމަށެވެ.
ޗައިނާއަކީ އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ ގާތް ގައުމެއްކަން ފާހަގަކުރެއްވިއިރު، މި މަގުބައްތިތަކާއެކު ދިވެހިންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އަންނާނެކަމަށް އުންމީދު ކުރައްވާކަމަށް ސަފީރު ވިދާޅުވި އެވެ.
ޗައިނާއިން ކުރިންވެސް ސޯލާ މަގުބައްތިތައް ހަދިޔާކޮށްފައިވެ އެވެ. އެގޮތުން އެ މަގުބައްތިތައް 3 ރަށެއްގައި ހަރުކޮށްފައިވާއިރު، މިފަހަރު ހަދިޔާކުރާ މަގުބައްތިތަކާއިއެކު އިތުރު ރަށްރަށުގައި މަގުބައްތިތައް ހަރުކުރެވި އިއާދަކުރަނިވި ހަކަތައަށް ރާއްޖެ ބަދަލުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ކާމިޔާބީ ލިބޭނެކަން ސަފީރު ފާހަގަކުރެއްވި އެވެ.
މި ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރު އަންނައިރު، ރާއްޖެއިން ބޭނުންކުރާ ހަކަތައިގެ %33 އަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމެވެ.
މި އަމާޒަށް ވާސިލްވުމަށް ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު،ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު 116 މެގަވޮޓަށް އިތުރުވެފައިވާކަމަށް ވުޒާރާއިން ބުނެފައިވެ އެވެ.


%20(6).jpeg?w=3840&q=75)

