





.jpg?w=3840&q=75)


މަތީތައުލީމް ހާސިލުކުރި ދަރިވަރުންތަކެއް
ދިވެހިރާއްޖެއާއި ޕާކިސްތާނަކީ ޒަމާނުއްސުރެ އިސްލާމީ އުޚުއްވަތްތެރިކަމާއި، ސަގާފީ އެއްގޮތްކަންތައްތަކެއްގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއް ދަމަހައްޓަމުން އަންނަ ދެ ޤައުމެވެ. ދެ ޤައުމުގެ ދެމެދުގައި އޮތް ޚާރިޖީ ގުޅުމުގެ ތެރެއިން ރާއްޖޭގެ ތަރައްޤީއަށް އެކި ދާއިރާތަކުން ޕާކިސްތާނުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އޭގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ އަދި ދިވެހި ޤައުމުގެ މުސްތަޤުބަލާ ސީދާ ގުޅިފައިވާ އެއް ދާއިރާއަކީ ތަޢުލީމީ ދާއިރާއެވެ. ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށާއި ތަޢުލީމީ ފެންވަރު މަތިކުރުމަށް ޕާކިސްތާނުން ވެދީފައިވާ އެހީތަކަކީ އަގުނުކުރެވޭ ފަދަ މުހިންމު ޚިދުމަތްތަކެކެވެ.
ޕާކިސްތާނުން ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ވެދީފައިވާ އެންމެ ބޮޑު އެހީތެރިކަމަކީ މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމެވެ. އެގޮތުން، ކޮންމެ އަހަރަކުވެސް ޕާކިސްތާނު ސަރުކާރުން ދިވެހި ދަރިވަރުންނަށް އެކި ދާއިރާތަކުން ސްކޮލަރޝިޕްގެ ގިނަ ފުރުޞަތުތަކެއް ދެއެވެ. ޚާއްޞަކޮށް މެޑިސިން، ޑެންޓިސްޓްރީ، އިންޖިނިއަރިންގ އަދި ފާމަސީ ފަދަ ޕްރޮފެޝަނަލް ދާއިރާތަކުން ކިޔެވުމުގެ ފުރުޞަތު ދިވެހި ދަރިވަރުންނަށް ޕާކިސްތާނުގެ ފުންނާބުއުސް ޔުނިވަރސިޓީތަކުން ވަނީ ތަނަވަސްކޮށްދީފައެވެ. މިއަދު ރާއްޖޭގެ ޞިއްޙީ ދާއިރާގައި އިސްކޮށް ޚިދުމަތް ކުރައްވަމުން ގެންދަވާ ގިނަ ޑޮކްޓަރުންނަކީ ޕާކިސްތާނުން ތަޢުލީމު ޙާޞިލުކުރައްވައިގެން ތިއްބެވި ބޭފުޅުންކަން ފާހަގަކޮށްލެވެއެވެ.
މީގެއިތުރުން، އިސްލާމީ ތަޢުލީމާއި ޢަރަބި ބަސް ކުރިއެރުވުމަށްވެސް ޕާކިސްތާނުން ބޮޑެތި އެހީތަކެއް ވެދީފައިވެއެވެ. އިސްލާމީ ޝަރީޢާގެ ދާއިރާއިންނާއި، ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރުމަށް ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ ފަދަ ތަޢުލީމީ މަރުކަޒުތަކުން ދިވެހި ދަރިވަރުންނަށް އަބަދުވެސް ޖާގަ ލިބެއެވެ. މިއީ ރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ދާއިރާ ހަރުދަނާކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ބާރެކެވެ.
ހަމައެކަނި ސްކޮލަރޝިޕްތަކުގެ އިތުރުން، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނާއި، ޚާރިޖީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގައިވެސް ޕާކިސްތާނުގެ އެހީތެރިކަން ލިބިފައިވެއެވެ. ޕާކިސްތާނުގެ ފޮރިން ސަރވިސް އެކަޑަމީން ދިވެހި ޑިޕްލޮމޭޓުން ތަމްރީނުކުރުމަށް ދިން ފުރުޞަތުތަކަކީ ޤައުމުގެ ޚާރިޖީ ޚިދުމަތް ހަރުދަނާވުމަށް މަގުފަހިވި މުހިންމު ކަމެކެވެ. މީގެއިތުރުން، ސްކޫލްތަކަށް ބޭނުންވާ ޢިމާރާތްތަކާއި ލައިބްރަރީތައް ޤާއިމުކުރުމަށާއި، ކިޔަވައިދިނުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދުމުގައިވެސް އެކި ދުވަސްވަރު ޕާކިސްތާނުން ދީލަތި އެހީތައް ވެދީފައިވެއެވެ.
ޕާކިސްތާނުން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ވެދީފައިވާ އެހީތެރިކަމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ލިބުނު ވަރަށް އަގުހުރި އެއްބާރުލުމެކެވެ. މި އެހީތަކުގެ ސަބަބުން ޤާބިލު، ހުނަރުވެރި ދިވެހި ދަރިންތަކެއް ބިނާވެ، ޤައުމަށް ޚިދުމަތްކުރުމުގެ ފުރުޞަތު ފަހިވެގެން ގޮސްފައިވެއެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި އިސްލާމީ އެއްބަނޑުއެއްބަފާކަން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެކެވެ.








