

%20(6).jpeg?w=3840&q=75)






-
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީ ދަތުރުފުޅެއްގައި މިއަދު ޕާކިސްތާނަށް ފުރާވަޑައިގެންފައިވާއިރު، މިއީ ދެކުނު އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުގެ ޖަމިއްޔާ (ސާކް ) ގެ ހުއްޓިފައިވާ މަސައްކަތްތައް އަލުން އާރާސްތުކޮށް، އޮޕަރޭޝަނަލް ކުރުމަށް ފަހިވެގެންދިޔަ މުހިންމު ފުރުޞަތެއްގެ ގޮތުގައި ބެލެވެއެވެ.
މި ދަތުރުފުޅަކީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅު ކަމަށްވުމާއެކު، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން މިވަނީ އިތުރު ހަރުފަތަކަށް ގެންދެވިފެވެ.
ދެކުނު އޭޝިއާގެ ސަރަޙައްދީ ޤައުމުތަކުގެ ޖަމިއްޔާ، ސާކްގެ މަތީ ފަންތީގެ މަސައްކަތްތަކާއި ޖަލްސާތައް ހުއްޓި، އެ ޖަމިއްޔާ ހިންގުންތެރި ނޫން (ޑިސްފަންކްޝަނަލް) ޙާލަތަކަށް ގޮސްފައިވާތާ ގާތްގަނޑަކަށް ނުވަވަރަކަށް އަހަރު މިވަނީ ވެފައި އެވެ. މިކަމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ސަރަޙައްދުގެ ބޮޑެތި ބާރުތައް ކަމަށްވާ އިންޑިއާއާއި ޕާކިސްތާނާ ދެމެދު އޮތް ފުން ސިޔާސީ އަދި ޖިއޮޕޮލިޓިކަލް ނުތަނަވަސްކަމެވެ. ސަރަޙައްދީ ސަލާމަތާއި ޓެރަރިޒަމްގެ މައްސަލަތަކެވެ. ވަކީން ޚާއްޞަކޮށް 2016 ވަނަ އަހަރު އިންޑިއާގެ ޔޫރީ ކޭމްޕަށް ދިން ޙަމަލާއާ ގުޅިގެން 19 ވަނަ ސާކް ސަމިޓް ބޭއްވޭގޮތް ނުވުމެވެ.
މިއަހަރުގެ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސާކް އަލުން އޮޕަރޭޝަނަލް ކުރުމަށް ދިވެހިރާއްޖެއިން މެދުވެރިއެއްގެ ދައުރު (މީޑިއޭޓަރެއްގެ ގޮތުން) އަދާކުރަން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ޚިޔާލުތަފާތުވުންތައް އެއްކައިރިކޮށް، އެއްމޭޒުދޮށަށް އައިސްގެން ނޫނީ ސަރަޙައްދުގެ ތަރައްޤީއާއި އަމަންއަމާންކަން ކަށަވަރެއް ނުކުރެވޭނެއެވެ. އެކަން ކުރަން އުނދަގޫވާނަމަ، އެ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ދިވެހިރާއްޖެއިން އިސްނަގައިގެން މީޑިއޭޓަރަކަށްވާން ތައްޔާރަށް އޮތްކަމަށް އެމަނިކުފާނު ވަނީ ވަރަށް ސާފުކޮށް ވިދާޅުވެފައެވެ. މިއާއިއެކު ރައީސްގެ މި ދަތުރުފުޅުގައި މިކަމުގެ މަޝްވަރާތައް ކުރައްވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އަދި ދެ ލީޑަރުން ގުޅިގެން ދެއްވާ ބަޔާނުގައިވެސް މިކަމާއި ގުޅިގެން ވާހަކަފުޅު ދެއްކެވުން ވަރަށް ގާތެވެ.
ރައީސް މުޢިއްޒު ފާހަގަކުރެވެނީ ބައިނަލްއަޤްވާމީ މައިދާނުގައި ސުލްހައަށް މަސައްކަތްކުރައްވާ ލީޑަރެއްގެ ގޮތުގައެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާވެސް ވަރަށް ގާތް ގުޅުމެއް ބާއްވަވަމުން، ޕާކިސްތާނާވެސް އެހާމެ ބަދަހި ގުޅުމެއް އުފައްދާފައިވުމަކީ، ދެކުނު އޭޝިއާގެ މި ދެ ބޮޑު ބާރުގެ މެދުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ރާއްޖެއަށް ލިބިގެންދާނެ ވަރަށް ބޮޑު ސިޔާސީ ބާރެކެވެ.
މީގެ ކުރިން އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައިވެސް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ބައްދަލުކުރައްވާފައިވާއިރު، މިއަދު ފެށިގެންދިޔަ ޕާކިސްތާނުގެ ރަސްމީ ދަތުރުފުޅަކީ ސާކްގެ މަސައްކަތްތައް އަލުން ދިރުވުމަށާއި، ދެކުނު އޭޝިއާގެ ޤައުމުތަކުގެ މެދުގައި އިތުބާރު އާކުރުމަށް އެޅޭނެ ބާރުގަދަ ފިޔަވަޅަކަށް ވެގެންދާނެއެވެ.


%20(6).jpeg?w=3840&q=75)


%20(6).jpeg?w=3840&q=75)


