



.jpeg?w=3840&q=75)




މާރަންދޫނި ނުވަތަ ދޮންދޫނި --- ފޮޓޯ: ހުސައިން ނިޔާޒް (ތިމާވެށީގެ ފޮޓޯގްރަފަރ)
ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މޫސުމީ ހިޖުރަކުރާ ތަފާތު ވައްތަރުގެ ދޫނިތަކާއި ސޫފާސޫފި ރާއްޖޭގެ ރަށްތަކަށް ޒިޔާރަތްކުރާ ދުވަސްވަރެކެވެ. މިއީ ރާއްޖޭގެ ތިމާވެށީގެ ނިޒާމަށް ބަލާއިރު ވަރަށް ޚާއްޞަ އަދި ގުދުރަތީ ރީތިކަން ގެނެސްދޭ ކަމެކެވެ. ނަމަވެސް، މިފަދަ ދޫނިތައް ރާއްޖެއަށް އައުމާ އެކު، މުނިފޫހިފިލުވުމުގެ ގޮތުން ނުވަތަ މަޖަލަކަށް ހަދައިގެން އެ ތަކެތި ހިފުމާއި ކޮށިކޮށްގެން ގެންގުޅުމުގެ ނުރައްކާތެރި އަދި ނާތަހުޒީބު އާދަ އަޅުގަނޑުމެންގެ މުޖުތަމަޢުގައި އަދިވެސް އޮތީ ނުހުއްޓުވިއެވެ. މިއީ ހަގީގަތުގައި މަޖާ ކަމެއް ނޫނެވެ؛ މިއީ އަވަހަށް ހުއްޓާލަންޖެހިފައިވާ ވަރަށް ބޮޑު ގޯހެކެވެ.
މި މޫސުމުގައި ރާއްޖެއަށް ޒިޔާރަތްކުރާ ދޮންދޫންޏާއި، ދޮންދޫނި ލޯފިނދުގެ އިތުރުން މި ބާވަތުގެ ހުރިހާ ދޫނިސޫފާސޫތްޕަކީ އަޅުގަނޑުމެންގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާ މުހިންމު ދިރުންތަކެކެވެ. އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ފާހަގަކުރައްވާ ގޮތުގައި، މި ދޫނިތަކަކީ ތިމާވެށީގައި މަދިރި ކޮންޓްރޯލް ކުރުމުގައި ނުހަނު ބޮޑު ދައުރެއް އަދާކުރާ އެއްޗެހީގެ ތެރެއިން ހިމެނޭ ދިރުންތަކެކެވެ. މަދިރީގެ ސަބަބުން ފެތުރޭ ޑެންގީ ހުން، ޗިކުންގުންޔާ އަދި ޒިކާ ފަދަ ނުރައްކާތެރި ބަލިތަކުން އިންސާނުން ސަލާމަތްކޮށް ދުރުކޮށްދިނުމުގައި މި ތަކެތި ކުޅޭ ރޯލަކީ ގުދުރަތީ ގޮތުން ލިބިފައިވާ ވަރަށް ބޮޑު ނިޢުމަތެކެވެ. މި ދޫނިތަކުގެ ޝިކާރައަކަށް މަދިރި ވެގެން ދިއުމަކީ އޭގެ ސަބަބުން އަޅުގަނޑުމެންގެ ޞިއްޙަތު ރައްކާތެރިކޮށްދޭ މުހިންމު ސަބަބެކެވެ.
ހިތާމައަކީ، ބައެއް ފަރާތްތަކުން މިކަމުގެ އަގު ވަޒަންނުކޮށް، ހަމައެކަނި ވަގުތީ އުފަލަކަށްޓަކައި ދޫނިތައް ހިފައި، އެ ތަކެއްޗަށް އަނިޔާކުރަމުން ދާކަމެވެ. ހާލި ހަދައިގެން، ބޭސް އަޅައިގެން, ކިރުއިލޮށި ބޭނުންކޮށްގެން އަދި އަނިޔާވެރި އެކި އުކުޅުތައް ބޭނުންކޮށްގެން މި ދޫނިތައް ހިފުމުގެ ސަބަބުން، ދޫނިތައް މަރުވެ، އޭގެ އާބާދީއަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. އިސްލާމްދީނުގައި ވެސް ޖަނަވާރުންނާއި ދޫނިސޫފާސޫތްޕަށް އޯގާތެރިވުމަށް ވަނީ އަމުރުކުރައްވާފައެވެ. އަދި ބޭކާރު ގޮތުގައި އެއްވެސް ދިރުމަކަށް ގެއްލުންދީ، ކުޑަ ގޮޅިއެއްގައި ބަންދުކޮށްގެން ގެންގުޅުމަކީ އިސްލާމީ އަޚްލާޤާ ވެސް ޚިލާފު ކަމެކެވެ.
އެހެންކަމުން، މި ދަނޑިވަޅުގައި މި ބާވަތްތަކުގެ ހުރިހާ ސޫތްޕެއް ހިފުމާއި އެއަށް ގޯނާކުރުމުން ދުރުހެލިވުމަށް ގަދަ އަޅަމާތޯއެވެ. ގުދުރަތީ ނިޒާމުގެ ހަމަހަމަކަން ދެމެހެއްޓުމަށާއި، މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކުން އަޅުގަނޑުމެންގެ މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި، މި ދޫނިތަކަކީ އަޅުގަނޑުމެންގެ ރަޙްމަތްތެރިންގެ ގޮތުގައި ބަލައިގަންނަން ޖެހެއެވެ.
މަޖަލަކަށް ނުވަތަ ކުޅިވަރަކަށް ހަދައިގެން ހިޖުރަކުރާ ދޫނި ހިފުމުގެ މި ގޯސް އާދަ އަޅުގަނޑުމެން އެންމެން އެކުގައި ދޫކޮށްލަން އެބަޖެހެއެވެ. އަދި ކުޑަކުދިންނަށް ވެސް މިފަދަ ދިރުންތަކަށް ލޯބިކުރަން ދަސްކޮށްދީ، ތިމާވެށީގެ ނާޒުކު މި ނިޒާމު ހިމާޔަތްކުރުމުގައި ފަރުދީ ޒިންމާ އަދާކުރަން ހިނގާށެވެ! ދޫނިތަކަށް މިނިވަންކަމާއެކު އުދުހެން ފުރުޞަތު ދެމާތޯއެވެ!




.jpeg?w=3840&q=75)



