








މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު (އާރްޓީއައި) ގެ ދަށުން މާލެ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ހާމަކުރަންޖެހޭ ހުރިހާ މައުލޫމާތެއް ފުރިހަމައަށް ހާމަކޮށްފިއެވެ.
މިއީ އަމިއްލަ އިސްނެގުމާއެކު އެ ކުންފުނިން ކޮށްފައިވާ ކަމެކެވެ. މިކަން ފާހަގަކޮށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ވަނީ އެ މަރުހަބާ ކިޔާފައެވެ.
އައިކޮމްއިން ބުނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިސްނަގައިގެން މައުލޫމާތު ހާމަކުރަންޖެހޭ މިންވަރަށް މައުލޫމާތު އާންމުކުރި ދައުލަތުގެ ފަސްވަނަ ކުންފުންޏަކީ އެމްޑަބްލިއުއެސްސީ ކަމަށެވެ. އަދި މުޅި ރާއްޖޭގެ ދައުލަތުގެ ހުރިހާ އިދާރާތަކަށް ބަލާއިރު، މި ޝަރުތު ފުރިހަމަކުރި 42 ވަނަ އިދާރާއަކީ ވެސް އެއީ ކަމަށެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އަމަލުކުރަން ފެށިފަހުން، ސަރުކާރުގެ ވުޒާރާތަކުން އަމިއްލަ އިސްނެގުމުގައި ހާމަކުރަންޖެހޭ މައުލޫމާތުތައް ފުރަތަމަ ފަހަރަށް ފުރިހަމައަށް ހާމަކުރަން ފަށާފައިވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
ދައުލަތުގެ އިދާރާތަކުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ސަގާފަތެއް ގާއިމުކުރުމަށް އައިކޮމްއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގިނަ މުއައްސަސާތަކަކުން މިހާރު އަންނަނީ ގާނޫނާ އެއްގޮތަށް މައުލޫމާތު ހާމަކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ.








