

.jpeg?w=3840&q=75)






ގެދޮރު ލޯނުގެ އިކުއިޓީއަށް ސަރުކާރުންދޭ އެހީއާއެކު ގޯތި ހެދެންނެތް ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އުފާވެރި ޚަބަރެއް ދެއްވައިފިއެވެ.
މި ޚަބަރު ރައީސް ދެއްވީ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި އެޕިސޯޑުގައި ހުޅުމާލެ ފޭސް 2 އިން ލިބިފައިވާ ބިމެއްގައި ތަނެއް އެޅުމަށް ބޭންކު ލޯނެއް ހޯދުމުގައި ދިމާވި ދަތިތައް ރައީސްއާ ހިއްސާކުރި ފަރާތަކުން ބުނީ ބޭންކުތަކުން ކަނޑައަޅާފައިވާ ޝަރުތުތައް ހަމަނުވުމުގެ ސަބަބުން މިހާތަނަށްވެސް އެ ބިމުގައި ޢިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންދެވޭ ގޮތް ނުވާ ކަމަށެވެ.
މި ވާހަކަތަކަށް އިޝާރާތް ކުރައްވާ ރައީސް ވަނީ މި މައްސަލައަށް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރައްވާފައެވެ. އެގޮތުން ގެދޮރު އަޅަން ބޭނުންވާ ފަރާތްތަކަށް ބޭންކުތަކުން ލުއިފަސޭހަކަމާއެކު އެހީތެރިކަން ލިބޭނެ މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި ބޭންކަށް ދައްކަންޖެހޭ %5 ގެ އިކުއިޓީ ކޮމްޕޮނެންޓަށް ލުޔެއް ހޯދައިދިނުމަށް ޚާއްޞަ ސްކީމެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން މި ސްކީމަށް ބޭނުންވާ ފައިސާ މިހާރުވެސް ޓްރަސްޓް ފަންޑުގައި ބަހައްޓާފައި އެބަހުރި ކަމަށާއި މި ސްކީމުގެ ދަށުން ސަރުކާރުން ފޯރުކޮށްދޭ ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭގޮތަށް ދޭ މާލީ އެހީތެރިކަމެއްކަމަށާއި މި ސްކީމުގެ ދަށުން 2 ލައްކަ ރުފިޔާވަރު ދިނުމަށް ރާވާފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ ބިން ލިބިފައިވާ ފަރާތްތައް އެއްކޮށްލައިގެން މަސައްކަތްކުރާނަމަ، 5 މީހުން ތިބި ނަމަ އެއް މިލިޔަން ރުފިޔާއާ ހަމައަށް، ނުވަތަ 3 މީހުން ތިބި ނަމަ އެ މީހުންނަށްވެސް ބޮޑު ޢަދަދެއްގެ ފައިސާ ލިބިގެންދާނެ ކަމަށެވެ. މީގެ ސަބަބުން ބޭންކަށް ދައްކަންޖެހޭ %5 ގެ އިކުއިޓީގެ ވަރަށް ބޮޑު ބައެއް ހަމަޖެއްސިގެންދާނެ ކަމަށާއި، ބޭންކު ލޯނު ހަމަޖެހުމުން ޢިމާރާތްކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވިއެވެ.


.jpeg?w=3840&q=75)




.jpg?w=3840&q=75)
