







ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއަށް ހާއްސަ ގާނޫނެއް އެކުލަވާލަން ނިންމައިފިއެވެ.
މިކަން ހާމަކުރީ ދުނިޔޭގެ ނަފުސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މީސްމީޑިއާގައި ކުރެއްވި ޕޯސްޓެެއްގައެވެ.
މި ޕޯސްޓުގައި ރައީސް ވިދާޅުވީ، އޯގާތެރި، ފަސޭހައިން ލިބިގަނެވޭ އަދި ހަމަހަމަކަން ގާއިމުވެފައިވާ ނަފްސާނީ ސިއްހަތުގެ ނިޒާމެއް ބިނާކުރުމަށް ސަރުކާރުން ވެފައިވާ އަހުދު އާކުރައްވާ ކަމަށެވެ. އަދި މިފަދަ ނިޒާމެއް ބިނާކުރަމުން ދަނީ މި ހިދުމަތް ހޯދާ ފަރާތްތަކުގެ އަޑުތަކާއި ތަޖުރިބާތަކުގެ އަލީގައި، ރައްޔިތުންގެ ބޭނުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ މި އަމާޒަށް ވާސިލުވުމަށްޓަކައި، ނަފްސާނީ ސިއްހަތުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2025–2029 ގެ ދަށުން ސަރުކާރުން މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށާއި ސިޔާސަތުތަކަށާއި ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ ގޮތުން، ގައުމީ ނަފްސާނީ ސިއްހަތުގެ ސިޔާސަތަކާއި ފުރިހަމަ "މެންޓަލް ހެލްތު އެކްޓް" އެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެއިތުރުން ނަފްސާނީ ސިއްހަތުގެ ހިދުމަތްތައް އާންމުންނަށް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކުރުމަށްޓަކައި، ޕްރައިމަރީ ހެލްތުކެއާގެ ތެރެއަށް މި ހިދުމަތްތައް ހިމަނައިގެން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދެވޭ ހިދުމަތްތަކާއި ހާއްސަ ހިދުމަތްތައް އިތުރަށް ވަރުގަދަކުރުމާއި، ޓެލެ-މެންޓަލް ހެލްތުގެ ހިދުމަތް ފުޅާކުރުމާއި ކުއްލި ހާލަތްތަކުގައި އިޖާބަދޭ ނިޒާމުތައް ހަރުދަނާކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ސަރުކާރުގެ މައިގަނޑު މަގުސަދަކީ ބަލިތަކުން ރައްކާތެރިވުމަށާއި ކުރީކޮޅުގައި ދެނެގަނެ ފިޔަވަޅު އެޅުމަށް އިސްކަންދީ، ފެންވަރު ރަނގަޅު ސިއްހީ ފަރުވާ އަތްފޯރާ ފަށުގައި ކަށަވަރުކޮށްދިނުން ކަމަށެވެ. އަދި ކޮންމެ ރަށެއްގައާއި، ކޮންމެ މުޖުތަމައެއްގައި ކުރެވޭ އިހުލާސްތެރި މަޝްވަރާތަކުގެ ތެރެއިން، އޯގާތެރި އަދި އަޅާލާ ރާއްޖެއެއް ބިނާކުރުމަކީ އަމާޒު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.






.jpg?w=3840&q=75)
