
.png?w=3840&q=75)







ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟްގެ މައި އެއާޕޯޓަށް އަމާޒުކޮށް ދިން ނުރައްކާތެރި ޙަމަލާއާ ގުޅިގެން، ރިޔާދުގެ ހުރިހާ ސްކޫލެއްގައި ކުރިއަށް އޮތް އެއް ހަފްތާގެ މުއްދަތަށް އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ބަދަލުކޮށްފި ކަމަށް އޭއެފްޕީ ނިއުސް އެޖެންސީން ރިޕޯޓުކޮށްފިއެވެ.
ބެލެނިވެރިންނަށް ފޮނުވި އީމެއިލަކާ ހަވާލާދީ އޭއެފްޕީން ބުނެފައިވަނީ، ސަޢޫދީގެ އެޑިޔުކޭޝަން މިނިސްޓްރީގެ އިރުޝާދުގެ ދަށުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރިޔާދުގެ ހުރިހާ ސްކޫލެއްގެ ކިޔެވުން މުޅި މި ހަފްތާގައި ކުރިއަށްދާނީ ޑިސްޓެންސް ލާނިންގ ނުވަތަ އޮންލައިންކޮށް ކަމަށެވެ.
ސަޢޫދީ ޢަރަބިއްޔާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި، ޔަމަނުގެ ހޫޘީން ރިޔާޟްގެ ކިންގް ޚާލިދް އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން މި ވަރުގަދަ ހަމަލާގައި 12 މީހަކު ވަނީ މަރުވެފައެވެ.
އަދި 309 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް އޮފިޝަލުން ކަށަވަރުކޮށްދެއެވެ.
މި ހަމަލާއާ ގުޅިގެން، ސަޢޫދީ ކޯލިޝަނުން ވަނީ ހޫޘީންނަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޛުގައި ހުންނަ ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއަރޕޯޓަށް ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން، ސަރަޙައްދީ ހަމަނުޖެހުންތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، އާންމު ރައްޔިތުންގެ ރައްކާތެރިކަމާއި ވައިގެ ދަތުރުފަތުރުގެ މުހިންމު ޚިދުމަތްތަކުގެ ސަލާމަތާމެދު ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

.png?w=3840&q=75)






