





%20(1).jpg?w=3840&q=75)


-
ސަޢޫދީ ޢަރަބިއްޔާގެ އެއާޕޯޓުތަކަށް އަމާޒުކޮށް ދެމުންދާ ނުރައްކާތެރި ޙަމަލާތަކާ ގުޅިގެން، އެ ޤައުމުގައި ހުންނަ އެމެރިކާ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާގެ މިޝަންތަކުން ސަލާމަތީ އެލާޓްތައް އިތުރަށް ވަރުގަދަކޮށް، ޓްރެވަލް އެޑްވައިޒަރީތައް ނެރެފިއެވެ.
ސަޢޫދީގައި ހުންނަ އެމެރިކާ އެމްބަސީން ވަނީ، ސަރުކާރުގެ މުވައްޒަފުން ރިޔާދުގެ ކިންގް ޚާލިދް އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ޖިއްދާއާއި ދައްމާމުގެ އެއާޕޯޓުތައް ބޭނުންކުރުމަށް ޚާއްޞަ ހުއްދައެއް ހޯދަންޖެހޭ ގޮތަށް އުޞޫލުތައް ހަރުކަށިކޮށްފައެވެ. ކުރިން ހަމައެކަނި ރިޔާދު އެއާޕޯޓަށް ޚާއްޞަކޮށްފައި އޮތް މި އެލާޓް މިހާރު ވަނީ އެހެން މައި އެއާޕޯޓުތަކަށް ފުޅާކޮށްފައެވެ.
މީގެއިތުރުން، އެމެރިކާގެ ރައްޔިތުން ރިޔާދު އެއާޕޯޓާއި އެ ސަރަޙައްދުތަކަށް ނުދިއުމަށާއި، ސަޢޫދީގެ އެހެން މައި އެއާޕޯޓުތައް ބޭނުންކުރުމުގައިވެސް އިންތިހާއަށް ސަމާލުވުމަށް އެމްބަސީން ވަނީ އިލްތިމާސްކޮށްފައެވެ.
ހަމައެއާއެކު، ސަޢޫދީގައި ހުންނަ އޮސްޓްރޭލިއާގެ އެމްބަސީން ވަނީ އެ ޤައުމުގެ ރައްޔިތުން ރައްކާތެރި ތަންތަނަށް ވަދެ، ގޭގައި މަޑުކުރުމަށް ("ޝެލްޓަރ އިން ޕްލޭސް") އަންގާފައެވެ. އެމްބަސީގެ ފޭސްބުކް ޕޭޖުގައި ޢާންމުކުރި ބަޔާނެއްގައި، ޒަރޫރީ ބޭނުމެއްގައި މެނުވީ ބޭރަށް ނުނިކުތުމަށާއި، ލޯކަލް އޮތޯރިޓީތަކުގެ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށް ވަނީ އެދިފައެވެ. މިއީ ހޮނިހިރު ދުވަހު ރިޔާދު އެއާޕޯޓަށް ދިން ޙަމަލާއާއި، މި މަހުގެ ކުރީކޮޅު ދިން އެހެނިހެން ޙަމަލާތަކާ ގުޅިގެން އަޅާފައިވާ ފިޔަވަޅެކެވެ.
މީގެއިތުރުން، އިނގިރޭސިވިލާތުގެ ފޮރިން އޮފީހުން ވަނީ ސަޢޫދީ ޢަރަބިއްޔާގެ ބައެއް ސަރަޙައްދުތަކަށް ދަތުރުނުކުރުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން:
އިނގިރޭސި ފޮރިން ސެކްރެޓަރީ އެޑް މިލިބޭންޑް ވިދާޅުވީ، ރިޔާޟްގެ ކިންގް ޚާލިދް އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ޙަމަލާއާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި، މި ޙާދިސާގައި އަނިޔާވި ފަރާތްތަކާއެކު ސާބިތުވެ ތިއްބެވި ކަމަށެވެ.
އަދި އިނގިރޭސި ރައްޔިތުން ސަޢޫދީ ސަރުކާރުގެ އިރުޝާދުތަކާ އެއްގޮތަށް އެއާޕޯޓުތަކަށް ނުދިއުމަށާއި، އިނގިރޭސި ސަރުކާރުގެ ޓްރެވަލް އެޑްވައިޒަރީއަށް ފުރިހަމައަށް ބޯލެނބުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.








