




.jpeg?w=3840&q=75)



-
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ 11 ވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް (އައިސީއައިއޭ) ފަށައިފިއެވެ.
މި މަހާސިންތާއަކީ ދިވެހިރާއްޖޭގައި ބާއްވާ މިފަދަ ބައިނަލްއަޤްވާމީ އެންމެ ބޮޑު ޢިލްމީ މަހާސިންތާއެވެ. މި މަހާސިންތާގެ މައިގަނޑު ބޭނުމަކީ ތަފާތު އެކި ދާއިރާތަކުން ކޮށްފައިވާ ދިރާސާތަކާއި ހޯދުންތަކުގެ ޢިލްމު ބައިނަލްއަޤްވާމީ ޕްލެޓްފޯމެއްގައި ޙިއްޞާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. ޢިލްމީ އަދި ސަޤާފީ ގިނަ ޕްރޮގްރާމްތަކަކާއެކު އިންތިޒާމުކޮށްފައިވާ މި ކޮންފަރެންސްގެ މައިގަނޑު ހަރަކާތްތައް ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާނީ ޕެރެލަލް ރޫމްތަކުގައެވެ.
މިއަހަރުގެ ކޮންފަރެންސްގައި ޖުމްލަ 526 މީހުން ރަޖިސްޓްރީވެފައިވެއެވެ. އޭގެ ތެރޭގައި ޙާޟިރުވެގެން ބައިވެރިވާ 344 މީހުންނާއި، އޮންލައިންކޮށް ބައިވެރިވާ 182 މީހުން ހިމެނެއެވެ. މީގެ ތެރޭގައި 18 ޤައުމަކުން ބައިވެރިވާ 53 މީހުންވެސް ހިމެނެއެވެ. މި ކޮންފަރެންސަށް ހުށަހެޅި 167 ކަރުދާހުގެ ތެރެއިން ބަލައިގަނެފައިވަނީ 139 ކަރުދާހެވެ. އޭގެ ތެރޭގައި ދިވެހި 85 ކަރުދާހާއި ބައިނަލްއަޤްވާމީ 83 ކަރުދާސް ހިމެނެއެވެ.
މި ކޮންފަރެންސް ފެށުމުގެ ކުރިން މުހިންމު 10 މަސައްކަތު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވާއިރު، ކޮންމެ ދަންފަޅިއެއްގައި 40 އާއި 80 އާ ދެމެދުގެ އަދަދަކަށް މީހުން ބައިވެރިވެފައިވެއެވެ.
އައިޔޫއެމްއިން ފާހަގަކުރާ ގޮތުގައި، މިފަދަ ޢިލްމީ ބައްދަލުވުންތަކުގެ ސަބަބުން ދިރާސާވެރިންނާއި ދަރިވަރުންގެ ދިރާސީ ޤާބިލުކަން އިތުރުވެ، ޒަމާނީ ވަސީލަތްތައް އަޚުލާޤީ މިންގަނޑުތަކުގެ ތެރޭގައި ބޭނުންކުރާނެ ގޮތްތަކާއި ބައިނަލްއަޤްވާމީ ޖާނަލްތަކުގައި ދިރާސާތައް ޝާއިޢުކުރުމުގެ ހުނަރުތައް ޢަމަލީގޮތުން ދަސްވެގެންދާނެއެވެ. މީގެއިތުރުން، އެކި ދާއިރާތަކުގެ މާހިރުންނާ ބައްދަލުވެ، ޢިލްމީ ގުޅުންތައް ބަދަހިވުމަކީ ރާއްޖެއާއި ސަރަޙައްދީ ފެންވަރުގައި ޢިލްމީ ދިރާސާގެ މާޙައުލު ކުރިއެރުވުމަށް ލިބޭނެ ބޮޑު ބާރެކެވެ.




