
ސުޕްރީމް ކޯޓު
އެކުވެރި އަރަބި އިމާރާތް - ޔޫއޭއީގެ ރިއަލްއެސްޓޭޓް އިންވެސްޓްމަންޓް އެންޑް ބިލްޑް ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން ދިނުމަށް ނިންމާފައިވާ ނިންމުން ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ، އެ އެއްބަސްވުން ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމަވައިފިއެވެ.
ގާނޫނީ ވަކީލު އަލީ ހުސައިން ހުށަހެޅުއްވި މި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވި ސަބަބެއް ކަމަށް ބަޔާންކުރައްވާފައިވަނީ، މިއީ ފުރަތަމަ މަރުހަލާގައި ސީދާ އެ ކޯޓަށް ހުށަހެޅޭނެ ބާވަތުގެ މައްސަލައަކަށް ނުވާތީއެވެ.
ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ފުރަތަމަ މަރުހަލާގައި ސީދާ ސުޕްރީމް ކޯޓަށް ބެލޭނީ ގައުމު ދުސްތޫރީ ހުސްކަމަކަށް ގޮސްދާނެ ނުވަތަ ނިޒާމުން ބޭރުވެދާނެ ފަދަ މައްސަލަތަކާއި، ގާނޫނުއަސާސީ މާނަކުރުމާ ގުޅޭގޮތުން ދައުލަތުގެ ދެ މުއައްސަސާއެއް ނުވަތަ ދެ ބާރެއްގެ ދެމެދުގައި އުފެދޭ ހިލާފުތަކުގެ އިތުރުން ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލަތަކެވެ. ރަޖިސްޓްރާގެ މި ނިންމެވުން މުރާޖާކޮށްދިނުމަށް އެދި 14 ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ގާނޫނީ ފުރުސަތު މައްސަލަ ހުށަހެޅި ފަރާތަށް އޮންނާނެއެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅުއްވުމަށްފަހު ވަކީލު އަލީ ހުސައިން ނެރުއްވި ބަޔާނުގައި ފާހަގަކުރައްވާފައިވަނީ، އެއްވެސް އެކުއިޒިޝަން ކޮސްޓެއް ނުވަތަ ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް ބިމުގެ މިލްކުވެރިކަމުގެ މަސްލަހަތު އީގަލް ހިލްސްއަށް ލިބޭ ގޮތަށް ދޫކުރުމަކީ ގާނޫނުއަސާސީގެ 250 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށެވެ. އެ މާއްދާގައި ދައުލަތުގެ މުދަލެއް ނުވަތަ ރައުސްމާލެއް ދޫކުރަންވާނީ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށް ބަޔާންކޮށްފައިވާއިރު، ބޭރުގެ ފަރާތަކަށް 99 އަހަރަށް އެއްފަހަރާ ބިން ކުއްޔަށް ދޫކުރުމުގެ ގާނޫނީ އޮނިގަނޑެއް ރާއްޖޭގައި ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ތިންވަނަ ފަރާތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ހައްގުތައް އުފެއްދުމުގެ ބާރު އެ ކުންފުންޏަށް ލިބޭ ގޮތަށް އެއްބަސްވުމުގައި ހިމަނާފައިވާ މާއްދާތަކުގެ ސައްހަކަމާމެދު ވެސް ސުވާލު އުފައްދަވާފައިވެއެވެ. އަދި ޝަރީއަތުން ވަކި ގޮތެއް ނިންމަންދެން އެއްބަސްވުމަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް ވެސް އަލީ ހުސައިން ވަނީ އެދިވަޑައިގެންފައެވެ.
ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މަރީނާ" މަޝްރޫއު ތަރައްގީކުރުމަށް ސަރުކާރުން އީގަލް ހިލްސްއާއެކު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ސެޕްޓެންބަރު މަހުއެވެ. މި މަޝްރޫއުގެ ދަށުން ހޮޓާތަކާއި، މަރީނާއެއްގެ އިތުރުން ވިޔަފާރި މަރުކަޒުތައް ގާއިމުކުރަން ނިންމާފައިވާއިރު، މި މަޝްރޫއުގެ ތެރެއިން އިސްރާއީލާ ގުޅުންހުރި ފަރާތްތަކަށް ޕްރޮޕަޓީ ގަނެވިދާނެ ކަމުގެ ކަންބޮޑުވުން ސިޔާސީ ބައެއް ފަރާތްތަކުންނާއި އާންމުން ވަނީ ފާޅުކޮށްފައެވެ.
ނަމަވެސް ސަރުކާރާއި އީގަލް ހިލްސް އިން ވަނީ އެފަދަ އެއްވެސް ފުރުސަތެއް މި އެއްބަސްވުމުގެ ދަށުން ނޯންނާނެ ކަމުގެ ޔަގީންކަން ދީފައެވެ.















.jpg?w=3840&q=75)