
.jpeg?w=3840&q=75)






ކ. ކާށިދޫއަށް ވިއްސާރަކުރި ދުވަހެއް -- ގާފު ފޮޓޯ: އަހުމަދު ރީހާން
ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައިވެސް އެކިހިސާބަށް ވިއްސާރަ ކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ މޫސުން އާންމުކޮށް ލަފާކުރެވޭ ގޮތަށް ބަލާއިރު، ވައި ޖެހޭނީ މަޑުންނެވެ.
އެގޮތުން ވައި އެނބުރި އުތުރާއި އިރުއުތުރުން، ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މީގެއިތުރުން، ވައި މަޑުވުމުގެ ސަބަބުން ރާއްޖޭގެ ކަނޑުތައް އާންމު ގޮތެއްގައި މަޑުވާނެ ކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ ގާތްގަނޑަކަށް 1 ފޫޓާއި 3 ފޫޓާ ދެމެދުގައި ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.
އެހެންކަމުން، ވިއްސާރަވި ނަމަވެސް ކަނޑުދަތުރުފަތުރު ކުރުމަށް މާބޮޑެތި ހުރަސްތަކެއް ނެތް ކަމަށް މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކައެވެ.
ހިނގަމުން މިދަނީ ހުޅަނގު މޫސުމުގެ ސާދަވަނަ ނަކަތް ހިތަ ނަކަތުގެ ދުވަސްތަކެވެެ. މި ނަކަތުގައި ދޭތެރެދޭތެރެއިން ވިއްސާރަކުރާނެއެވެ. ކަނޑުތައް ޢާންމުގޮތެއްގައި މަޑުވާނެއެވެ. ވައިޖެހޭނީ ހުޅަނގުންނެވެ. ވައިގެ ބާރުމިން ހުންނާނީ އެވްރެޖްކޮށް ގަޑިއަކު 22.2 ކިލޯމީޓަރު ބާރުމިނުގައެވެ.
ވާރޭ ވެހޭ ނިސްބަތް ހުންނާނީ އެވްރެޖްކޮށް 4.10 އިންޗީގައެވެ. މި ނަކަތުގައި އެވްރެޖްކޮށް 106.1 ގަޑިއިރު އަވިދޭނެއެވެ. މަސްވެރިކަން ޢާންމުގޮތެއްގައި ރަނގަޅުވާނެއެވެ. މަސްއައިންތައް އަތޮޅުތަކާ ކައިރިން ފެންނާނެއެވެ.

.jpeg?w=3840&q=75)


