





%20(1).jpg?w=3840&q=75)


ހއ. އިހަވަންދޫ އާއި ރ. މީދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލް މަޝްރޫޢުތަކުގެ މަސައްކަތްތައް ހުއްޓިފައިވަނީ ކީއްވެކަން މިރޭ ސިއްޙަތާބެހޭ ވަޒީރު ޤީލާ ޢަލީ ހާމަކުރައްވައިފިއެވެ.
މި މަޝްރޫޢުތައް ހުއްޓިފައިވާތީ ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައި، "އަހާ" ފޯރަމްގައި މިރޭ ބައިވެރިންތަކެއް ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން، ވަޒީރުގެ މި ބަސްފުޅުތައް އައީ ސަރުކާރުގެ ރައްދު ދިނުމެއްގެ ގޮތުގައެވެ.
އިހަވަންދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ 30 އެނދުގެ ލެވެލް 1ގެ ހޮސްޕިޓަލެކެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އާރްޑީސީއިންނެވެ. 2025 ވަނަ އަހަރު މި މަސައްކަތް ނިމި، ހަވާލުކުރެވޭނެކަމަށް އޭރު ބެލެވުނުއިރު، ކޮންމެވެސް ވަރެއްގެ މަސައްކަތްތައް ވެސް ވަނީ ކުރެވިފައެވެ.
ނަމަވެސް، ސަރުކާރުން ވަނީ އާރްޑީސީގެ ގިނަ ޕްރޮޖެކްޓްތަކެއް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔުމަށް ނިންމާފައެވެ.
ސިއްޙީ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް މިހާރު ކުރިއަށް ނުދަނީ އެމްޓީސީސީއާ އެކު އަލުން އެގްރިމެންޓްކޮށްގެން މަސައްކަތް ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާތީ ކަމަށެވެ. އަދި މި މަސައްކަތް ލަސްވާން ދިމާވި އިތުރު ސަބަބެއްގެ ގޮތުގައި، ހަނގުރާމައިގެ ސަބަބުން މަޝްރޫޢުއަށް ބޭނުންވާ ތަކެތި ލިބުމުގައި ދަތިކަން މެދުވެރިވެފައިވާ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވަނީ މިކަންކަމަށް ހައްލު ހޯދައި، ބަދަލާއެކު މި މަސައްކަތް ހަލުވިކޮށް ކުރިއަށްދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ރ. މީދޫގައި ވެސް 30 އެނދުގެ ހޮސްޕިޓަލެއް ޤާއިމުކުރުމުގެ މަޝްރޫޢުއަކީ އާރްޑީސީއާ ހަވާލުކުރެވިފައިވާ މަޝްރޫޢުއެކެވެ. މި މަޝްރޫޢު ވެސް ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކުރައްވާފައެވެ.
ވަޒީރު ޤީލާ ޢަލީ ވިދާޅުވި ގޮތުގައި، މީދޫ ހޮސްޕިޓަލްގެ މަސައްކަތް މިހާރު ކުރިއަށް ނުދަނީ ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ބައެއް ކަންކަން ހުރުމުންނެވެ. އެހެންނަމަވެސް، މި ހުރިހާ ކަމެއް ފުރިހަމަވެ، އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން މި މަޝްރޫޢުގެ މަސައްކަތް ނިންމާލެވޭނެކަމަށް އެކަމަނާ ވިދާޅުވިއެވެ.
ސިއްހީ ވަޒީރުގެ މި ބަސްފުޅުތަކުން ދޭހަވަނީ، ސަރުކާރުން ރާއްޖޭގެ ރަށްރަށުގައި ސިއްހީ ހިދުމަތްތައް ފުޅާކުރުމަށް އަޒުމް ކަނޑައަޅާފައިވީ ނަމަވެސް، ބައެއް ކަންކަމުގައި ދިމާވާ ގޮންޖެހުންތަކާއި، ސިޔާސަތުތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން މަޝްރޫޢުތައް ލަސްވަމުންދާ ކަމެވެ.
މިރޭ އޮތީ ވަޒީރުންގެ "އަހާ" ފޯރަމްގެ 9 ވަނަ ފޯރަމްއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން ގެނެސްދޭ ފޯރަމެކެވެ.
މި ފޯރަމްގެ މަޤުޞަދަކީ ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުގެ މަސައްކަތްތައް ވީހާވެސް ތަފްޞީލުކޮށް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމެވެ.
ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން އެކަމުގެ މަސްޢޫލުވެރި އެންމެ އިސް ފަރާތްތަކާ ސުވާލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ޖަވާބު ހޯދުމުގެ ފުރުޞަތު މިފޯރަމުން ފަހިވެގެންދެއެވެ.




