





%20(1).jpg?w=3840&q=75)


-
ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާދާއި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯއާ ދެމެދު ކުރަމުން އަންނަ ހުރިހާ ވައިގެ ދަތުރުތަކެއް ވަގުތީގޮތުން މެދުކަނޑާލަން ޤައުމީ އެއާލައިން، ސްރީލަންކަން އެއާލައިންސް އިން ނިންމައިފިއެވެ.
އެ އެއާލައިނުން ހާމަކޮށްފައިވާ ގޮތުގައި، މި ދެމެދުގައި ކުރާ ޝެޑިއުލް ފްލައިޓްތައް މެދުކަނޑާލާފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ނިންމުން ނިންމާފައި މިވަނީ، ފަހަކަށް އައިސް ރިޔާދުގެ ބައިނަލްއަޤްވާމީ އެއާޕޯޓަށް އަމާޒުކޮށް ދެމުންދާ ނުރައްކާތެރި ޙަމަލާތަކާ ގުޅިގެން އެ ސަރަޙައްދުގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތީ ރައްކާތެރިކަމަށް ބުރޫއަރާފައިވާ ދަނޑިވަޅެއްގައެވެ.
ސްރީލަންކަން އެއާލައިންސް އިން ބުނީ، ރިޔާދަށް ދަތުރުތައް ވަގުތީގޮތުން ހުއްޓާލި ނަމަވެސް، ސަޢޫދީގެ ދައްމާމަށް ކުރާ ދަތުރުތައް އެއްވެސް ބަދަލެއް ނެތި ކުރިންވެސް ތާވަލުކުރެވިފައިވާ ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށެވެ.
މީގެއިތުރުން، ކޮލަމްބޯއާއި ރިޔާދާއި ދެމެދު ކުރާ ދަތުރުތައް އަލުން ފަށާނީ، ވިޔަފާރި އުދުހުންތަކަށް އެ ސަރަޙައްދުގެ މަސްރަޙު ރައްކާތެރި އަދި އަމާން ވެއްޓަކަށް ބަދަލުވެފައިވާކަން ކަށަވަރުވުމުން ކަމަށްވެސް އެ އެއާލައިނުން ވަނީ ހާމަކޮށްފައެވެ.






.jpg?w=3840&q=75)

