





%20(1).jpg?w=3840&q=75)


ސަރުކާރުން އިޢުލާނުކޮށްފައިވާ ގއ. ވިލިނގިލީ އިންޓަނޭޝަނަލް އެއާޕޯޓާއި އޭގެ ދަށުން ތަރައްޤީކުރާ 14 ރިސޯޓުގެ ޢަމަލީ މަސައްކަތް މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ފެށޭނެ ކަމުގެ އުއްމީދީ ޚަބަރު ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން ދެއްވައިފިއެވެ.
މި މަޝްރޫޢަކީ ގއ. އަތޮޅަށް، އަދި ދެކުނުގެ ސަރަހައްދަށް، އިންޤިލާބީ ބަދަލެއް ގެނެސްދީ އިޤްތިޞާދީ ގޮތުން ފުޅާ ދޮރުތަކެއް ހުޅުވައިދޭނެ ކަމަށް ބެލެވޭ ބޮޑު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ސަބަބުން ދެކުނުގެ ރައްޔިތުންނަށް ދިރިއުޅުމާއި ތަރައްޤީގެ އާ އުއްމީދުތަކެއް އާވެގެންދާނެ ކަމަށް ބެލެވެއެވެ.
މިނިސްޓަރު އަމީން މިހެން ވިދާޅުވީ ސަރުކާރުން ބޭއްވި "އަހާ" ފޯރަމްގެ 9 ވަނަ ބައްދަލުވުމުގައި ޢާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެ ފޯރަމްގައި ރައްޔިތަކު ސުވާލުކުރީ ވިލިނގިއްޔާ ގުޅިފައިވާ ފަޅުގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކާއި 14 ރިސޯޓު ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރައްވައި ފަހުމުނާމާގައި ސޮއިކުރައްވާފައިވާ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފެށޭނެތޯ އެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، މިހާރު އައު ކޮންޓްރެކްޓަރަކާއެކު ސޮއިކުރެވި، މަޝްރޫޢު އޮތީ ޢަމަލީ މަސައްކަތް ފެށުމުގެ މަރުޙަލާގައި ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ މިއަހަރުގެ ނޮވެމްބަރު މަސް ނިމުމުގެ ކުރިން އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. "އިރާދަކުރެއްވިއްޔާ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ޢަމަލީ މަސައްކަތް މި އަހަރުގެ ނޮވެންބަރު މަހު ނިމުމުގެ ކުރިން ފެށޭނެ،" މިނިސްޓަރ އަމީން ވިދާޅުވި އެވެ.
ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓު އަޅަން ދުބާއީގެ އެންމެ އުސް އިމާރާތް، ބުރުޖު ޚަލީފާ ހެދުމުގައި ހަރަކާތްތެރިވި ކުންފުނިތަކުގެ ތެރެއިން ޖޭވީ ކުންފުންޏަކާ ހަވާލުކުރީ 2024 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. އެ މަސައްކަތް ހަވާލުކުރީ ބެލްޖިއަމްގެ އެން ވީ ބޭސިކްސް އެސްއޭއާ އެވެ. މިފަދަ ބޮޑު މަޝްރޫޢުތަކުގެ ތަޖުރިބާ ހުރި ކުންފުންޏަކާ ހަވާލުކުރެވުމަކީ މަޝްރޫޢުގެ ކާމިޔާބީއަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެކެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އެއާޕޯޓުގެ ރަންވޭގެ ބޮޑު މިނުގައި 3,400 މީޓަރު ހުންނާނެ އެވެ. އެ މަޝްރޫޢާ އެކު ހެލިޕޯޓަކާއި ޔޮޓް މެރީނާ ވެސް ތަރައްޤީކުރަން ނިންމައިފައިވެ އެވެ. އަދި މި ސަރަހައްދުގައި ޓޫރިޒަމް ފުޅާކުރަން ހަމަޖެހިފައިވާއިރު 5,000 އެނދު އުފައްދައި 17 ރިސޯޓެއް ވެސް ތަރައްޤީކުރާނެ ކަމަށް ވެސް ސަރުކާރުން އޭރު ބުނި އެވެ. ސަރުކާރުން އެ ދުވަހު އާއްމުކުރި ވީޑިއޯ ޕްރެޒެންޓޭޝަންގައިވާ ގޮތުގައި އެއީ، 500-750 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫޢެކެވެ.
މި މަޝްރޫޢު ފެށިގެން ދިއުމާއެކު ދެކުނުގެ އަތޮޅުތަކުގެ އިޤްތިޞާދަށް ކުރާނެ ފައިދާތަކާމެދު ބޮޑެތި އުއްމީދުތަކެއް އެބަހުއްޓެވެ. މި އުއްމީދުތަކާއެކު ދެކުނުގެ ރައްޔިތުން ތިބީ މި ބޮޑު ތަރައްޤީ ފެށޭނެ ދުވަހަކަށް އިންތިޒާރުކޮށެވެ.








