





%20(1).jpg?w=3840&q=75)


މިނިސްޓަރ ހީނާ ވަލީދު ---ފޮޓޯ| އަހުމަދު ޝުރާއު
ދިވެހިބަހުން ވާހަކަދައްކަން ނޭނގުމަކީ ގައުމެއްގެ ސިފައިގައި ކަންބޮޑުވާންޖެހޭ މުހިންމު ކަމެއް ކަމަށް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު މިރޭ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ދިވެހިބަހުގެ ދިރުވުމަށް ކުރެވެންހުރި މަސައްކަތްތަކާ ގުޅޭގޮތުން މިރޭ އޮތް ވަޒީރުގެ 9 ވަނަ "އަހާ ފޯރަމް"ގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ދިވެހިބަހަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ދިވެހިބަސް ދިރުވައި އާލާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނައެވެ. މިކަންކަން ހައްލުކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
ދިވެހިބަސް ކުރިއެރުވުމާއި ދިރުވުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތެއް ހަވާލުކުރެވިފައިވާ އިދާރާއަކީ ދިވެހިބަހުގެ އެކަޑެމީ ކަމަށް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވިއެވެ. އެކަޑެމީއަކީ ދިވެހިބަހުގެ ގަވާއިދުތަކާއި ހަމަތައް ދިރުވައި، ރީތި ދިވެހިބަހުން ވާހަކަދައްކަން ދަސްކޮށްދިނުމަށް އެކި އަދަބީ މުބާރާތްތައް ބާއްވަމުން އަންނަ އިދާރާއެކެވެ. މި މުބާރާތްތަކުން ބަސްކޮށާރާއި ލިޔުންތެރިކަން ކުރިއެރުވުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާ ކަމަށް ވެސް ވިދާޅުވިއެވެ.
އިތުރުން މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ވަނީ އެކިއެކި ޔުނިވަރސިޓީތަކާއި ސްކޫލްތަކާއި ޖަމިއްޔާތަކުން ބާއްވާ އަދަބީ މުބާރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ދިވެހިބަހާއި އަދަބިއްޔާތާއި ފަންނާ ގުޅޭ ކަންކަން ގައުމުން ބޭރުގައި ކުރިއަށް ދިޔަ ނަމަވެސް، އެކަންކަމަށް ވެސް ވުޒާރާއިން އެހީތެރިވެދެމުންދާ ކަމަށް މިނިސްޓަރު ހީނާ ވަލީދު ހާމަކުރެއްވިއެވެ.
ދިވެހިބަހުގެ ގަވާއިދު ފޮތުގެ މަސައްކަތް 10 ވަރަކަށް އަހަރުވެފައިވާ ކަމަށާއި، މިނޮވެމްބަރު މަހު އެފޮތް ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން، ދިވެހިބަހުގެ ރަދީފު އެޕްލިކޭޝަނުގެ އައު އިސްދާރެއް މިހާރު ނެރިފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.
ދިވެހިބަސް ކުރިއެރުވުމަށްޓަކައި ހެކަތަތޯންތަކާއި، މަހާސިންތާތަކާއި، މައުރަޒުތަކާއި، ގޭމުތައް އުފެއްދުން ފަދަ ކަންކަން ރާވައިގެން ކުރިއަށް ގެންދެވޭނެ ގޮތްތަކާއި މެދު ވެސް މަޝްވަރާކުރަމުން އަންނަ ކަމަށް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވިއެވެ. މިކަންކަމުގެ ސަބަބުން ޒުވާން ޖީލުގެ މެދުގައި ދިވެހިބަހަށް އޮންނަ ޝައުގުވެރިކަން އިތުރުވެ، ބަހުގެ ދިރުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.







