





%20(1).jpg?w=3840&q=75)


ނާގޮށީގެ ރިސޯޓް ތަރައްޤީކުރުމުގެ މަސައްކަތް ހުއްޓިފައިނުވާ ކަމަށާއި، އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ރިސޯޓް ހުޅުވުމަށް ތައްޔާރީތައް ވާނެ ކަމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ވަޒީރުންގެ 9 ވަނަ "އަހާ ފޯރަމް"ގައި ނާގޮށި އޮޕަރޭޝަނަށް ގެނެސް ހދ. އަތޮޅަށް އާމްދަނީއާއި މަންފާ ލިބޭނެ ވަގުތަކާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު އަމީން ވިދާޅުވީ، ނާގޮށީގެ މަސައްކަތް ހުއްޓިފައިވާ ކަމަށް ބުނެ އަޑުފެތުރިފައިވީ ނަމަވެސް، އެއީ ޙަޤީޤަތެއް ނޫން ކަމަށެވެ. އަދި، އެ ރިސޯޓް އަވަހަށް ހުޅުވައި، ހދ. އަތޮޅުގެ އިޤްތިޞާދަށް ކުރިއެރުން ގެނައުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެތެރޭގެ އުދުހުންތަކުގެ އަގުތަކާ ގުޅޭގޮތުން ކުރި ސުވާލަކާ ގުޅިގެންވެސް މިނިސްޓަރ އަމީން ވަނީ ވާހަކަދައްކަވާފައެވެ.
އެގޮތުން، އެތެރޭގެ އުދުހުންތަކުގެ އަގުތައް ތިރިވުމަކީ ރައްޔިތުންނަށް ފަސޭހައަކަށް ވާނެ ކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ޖެޓް ފިއުލްގެ އަގުތައް 30-40 އިންސައްތަ އުފުލިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދުނިޔެއަށް އަންނަ ކޮންމެ ބަދަލެއްގެ އަސަރު ރާއްޖެއަށް ވެސް ކުރާ ކަމަށާއި، އެތެރޭގެ އުދުހުންތަކުގެ ޓިކެޓްތަކުގެ އަގުތައް ބޮޑުކޮށްފައި ނުވާނެ ކަމަށް ވިދާޅުވިއެވެ. ހާއްސަކޮށް، ތެލުގެ އަގުތަކާ ގުޅިގެންވެސް ޓޫރިސްޓުންނާއި ގެސްޓުންނަށް ވިއްކާ ޓިކެޓްތަކުގެ އަގުތައް ވެސް ވަނީ ތިރިކުރެވިފައެވެ.
މިނިސްޓަރ އަމީން އިތުރަށް ވިދާޅުވީ، އެތެރޭގެ އުދުހުންތަކުގެ އަގުތަކަށް ހެޔޮ ބަދަލެއް ގެނައުމަށް މިނިސްޓްރީން މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިން ފަހަރެއްގެ މަތިން އައިލެންޑް އޭވިއޭޝަނަށް އިރުޝާދު ދެއްވާފައިވަނީ، އައިލެންޑް އޭވިއޭޝަނަށް ލުއި ހޯދައިގެން ނޫނީ ޓިކެޓްތަކުގެ އަގުތަކަށް ހެޔޮ ބަދަލެއް ނުގެންނަވައި ހިފެހެއްޓެވުމަށެވެ.
މިކަމުން ދައްކުވައިދެނީ ރައްޔިތުންނަށް ފަސޭހަ ކުރުމަށް ސަރުކާރުން ދެއްވާ އިސްކަމެވެ.








