








ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ނާސަރީތަކުގެ ތެރެއިން، ފުރަތަމަ ފިޔަވަހީގައި ހިމެނޭ ރ. އިންނަމާދޫ ނާސަރީގެ ޢަމަލީ މަސައްކަތް ފަށައިފiއެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، ފެހިކަން އިތުރުކުރުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ސަރުކާރުން އިސްނަންގަވައިގެން ފައްޓަވާފައިވާ މުހިންމު ޤައުމީ މަސައްކަތެކެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިފަދަ ނާސަރީތައް ޤާއިމުކުރުމުގެ މައިގަނޑު ބޭނުމަކީ މަޝްރޫޢަށް ބޭނުންވާ ގަސްތައް ދެމެހެއްޓެނިވި ގޮތެއްގައި ހެއްދުމާއި، ރައްކާތެރިކަމާއެކު ގަސްތައް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމެވެ.
ރ. އިންނަމާދޫގައި ފެށުނު މި ނާސަރީގެ މަސައްކަތުގެ ދަށުން، ރާއްޖޭގެ މާޙައުލާ ގުޅޭ ތަފާތު ވައްތަރުގެ ގަސްގަހާގެހި އާލާކުރުމާއި، އެ ރަށާއި އަދި ކައިރި ރަށްތަކަށް ބޭނުންވާ ގަސް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޒަމާނީ ފެންވަރުގެ ނާސަރީތައް ޤާއިމުކޮށް، މި ފަސް އަހަރުގެ ދައުރުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދުމުގެ ލަނޑުދަނޑި ކާމިޔާބުކަމާއެކު ޙާޞިލުކުރުމަށެވެ. މީގެ ސަބަބުން ރާއްޖޭގެ ރަށްތަކުގެ ފެހިކަން އިތުރުވެ، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް އެޅޭ ބާރަކަށް ވެގެންދާނެއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.







.jpg?w=3840&q=75)
