
ސަޢޫދީ ޢަރަބިއްޔާގެ އެއާޕޯޓުތަކާއި އެ ޤައުމުގެ ވައިގެ ސަރަޙައްދު ބޭނުންނުކުރުމަށް، އެއާލައިންތަކަށް ޔަމަނުގެ ހޫޘީ ހަނގުރާމަވެރި ޖަމާޢަތުން އަނެއްކާވެސް ވަރުގަދަ އިންޒާރެއް ދީފިއެވެ.
އީރާނުގެ ތާއީދު އޮންނަ ހޫޘީ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސާރީ ނެރުނު ބަޔާނެއްގައި ބުނީ، ސަޢޫދީގެ އެއާޕޯޓުތަކާއި އެ ޤައުމުގެ ވައިގެ ސަރަޙައްދަކީ އެ ޖަމާޢަތުގެ އަސްކަރީ ފައުޖުތަކުގެ ސީދާ ޓާގެޓްތަކެއް ކަމަށާއި، އެހެންކަމުން އެ ތަންތަނަކީ އޮޕަރޭޝަންތައް ހިންގާނެ މައިދާންތަކެއް ކަމަށެވެ. ނަމަވެސް، މާތްވެގެންވާ ދެ ޙަރަމްފުޅު ހިމެނޭ މައްކާއާއި މަދީނާގެ ވައިގެ ސަރަޙައްދާއި އެއާޕޯޓުތައް މި އިންޒާރުގެ ތެރޭގައި ނުހިމެނޭ ކަމަށް އޭނާ ވަނީ ބުނެފައި އެވެ.
ޔަމަނުގެ އުތުރަށް ނިސްބަތްވާ މި ޖަމާޢަތުން ވަނީ އެމީހުން ދޭ އިންޒާރުތަކަށް ހުރިހާ އެއާލައިންތަކުންނާއި ފަރާތްތަކުން ވަރަށް ބޮޑަށް ސީރިއަސްވެ، ސަމާލުވުމަށް ގޮވާލާފައެވެ. އަދި ހޫޘީންގެ މިސައިލްތަކާއި ޑްރޯންތައް ވައްޓާލަން ސަޢޫދީން ކުރާ ނާކާމިޔާބު މަސައްކަތްތަކުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ ސަޢޫދީ ސަރުކާރުން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ހޫޘީން މިފަދަ އައު އިންޒާރެއް ދީފައި މިވަނީ، ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟްގެ މައި އެއާޕޯޓް ކަމަށްވާ ކިންގް ޚާލިދް އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ހޫޘީން މިއަދު ދިން ނުރައްކާތެރި ޙަމަލާއަކާ ގުޅިގެންނެވެ. އެ ހަމަލާގައި 12 މީހަކު މަރުވެ، 309 މީހުން ވަނީ ޒަޚަމްވެފައެވެ.
އެ ހާދިސާއާ ގުޅިގެން ސަޢޫދީ އިސްވެ އޮންނަ އަސްކަރީ ކޯލިޝަނުން ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު ދީފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރިޔާޟްގެ ހުރިހާ ސްކޫލްތަކެއްވެސް ވަނީ އެއް ހަފްތާގެ މުއްދަތަށް އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ބަދަލުކޮށްފައެވެ.


.png?w=3840&q=75)




.png?w=3840&q=75)





.jpeg?w=3840&q=75)
