
.png?w=3840&q=75)







-
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ މާފުށީ ޖަލުގެ އަންހެން ޔުނިޓުގައި، ފުރަތަމަ ފަހަރަށް ޖާގަ ތަނަވަސް މެސް ރޫމަކާއި ނަމާދު ގެއެއް ރަސްމީކޮށް ހުޅުވައިފިއެވެ.
މި އައު ވަސީލަތްތައް ހުޅުވައިދެއްވީ މި ހިނގާ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހުގެ ރޭ މާފުށީގައި ބޭއްވި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ "ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ" ޕްރޮގްރާމުގެ ތިންވަނަ ބެޗް ދަސްވެނިވުމުގެ ރަސްމިއްޔާތަށް ފަހު، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙުސާންއެވެ.
މި ވަސީލަތްތައް ޤާއިމުކުރުމުގެ ސަބަބުން، މާފުށީ ޖަލުގެ އަންހެން ޔުނިޓުގައި ބަންދުކޮށްފައިވާ ފަރާތްތަކަށް ކުރިއަށްވުރެ ތަނަވަސް އަދި ލުއިފަސޭހަ މާޙައުލެއްގައި ކެއިންބުއިމުގެ އިންތިޒާމުތައް ހަމަޖެހި، ފަސޭހަކަމާއެކު އަޅުކަން އަދާކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. މިއީ ޖަލުގައި ބަންދުކުރެވިފައިވާ ފަރާތްތަކުގެ އަސާސީ ޙައްޤުތަކާއި ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ޢަލީ އިޙުސާންގެ އިތުރުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އުސްތާޛް އަޙްމަދު ސިއްދީޤާއި، ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޞޮބާޙުގެ އިތުރުން ޖަލުތަކުގެ ޑައިރެކްޓަރުންނާއި، ކޮމިޝަންޑް އޮފިސަރުން އަދި ދަޢުވަތު އެރުވުނު ޚާއްޞަ މެހެމާނުން ބައިވެރިވެވަޑައިގެންނެވިއެވެ.

.png?w=3840&q=75)





.jpg?w=3840&q=75)
