







-
ދިވެހި ފުލުހުންގެ ޚިދުމަތުން ވިލިމާލޭގައި ހިންގި އެންޓި-ނާކޮޓިކްސް ޚާއްޞަ އޮޕަރޭޝަނެއްގައި، ރާއްޖޭގެ މަޤްބޫލު ބައެއް ފިލްމީ ތަރިން ހިމެނޭހެން ހަތަރު ދިވެހި ފިރިހެނުން ހައްޔަރުކޮށް، އެމީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، މަސްތުވާތަކެތީގެ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޝާހިލް މުޙައްމަދު (42އ) - ވ. ސިނަމާލެ 4 3-03 / މާލެ ، މުޙައްމަދު ވިޝާލް / ރޯމަން (29އ) - މަތިމަރަދޫ. ކޮންކީލިޔާ / ލ. ގަން އާއި އިސްމާޢީލް ޖުމައިޙު / ޖުމާ (35އ) - ގ. ފްލައިންގޓައިގަރ / މާލެ އަދި އަޙްމަދު ޢަޒްމީލް / އަޒޭ (44އ) - ވ. ސިނަމާލެ 4 3-03 / މާލެ އެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އަޙްމަދު ޢަޒްމީލް (އަޒޭ)، އިސްމާޢީލް ޖުމައިޙު (ޖުމާ) އަދި މުޙައްމަދު ވިޝާލް (ރޯމަން) އަކީ ދިވެހި ފިލްމީ ދާއިރާގައި ގިނަ ބައެއްގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ މަޝްހޫރު ފަންނާނުންނެވެ.
ވިލިމާލޭގައި ފުލުހުން ހިންގި މި އޮޕަރޭޝަނުގައި މި ހަތަރު މީހުން އަތުލައިގަނެ، އެމީހުން ބަލައިފާސްކުރުމަށްފަހު، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ މި އެންމެންވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބައިތިއްބައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް އަމުރުކޮށްފައެވެ.
ފުލުހުންގެ ޚިދުމަތުން ދަނީ މި މައްސަލަ އިތުރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރަމުންނެވެ.







