.png?w=3840&q=75)
.jpg?w=3840&q=75)
-1791455226200.jpeg?w=3840&q=75)




ދުނިޔޭގެ މަޝްހޫރު ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީޒްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް 'ސީއޭއޭ 2' އިން 'ސީއޭއޭ 1' އަށް މަތިކޮށް، އައުޓްލުކް 'ސްޓޭބަލް' އަށް ބަދަލުކޮށްފިއެވެ.
ރޭޓިންގ ބަދަލުކޮށްފައި މިވަނީ ދިވެހި ސަރުކާރުން ބޮޑެތި ދަރަނިތަކެއް ކާމިޔާބުކަމާއެކު ދައްކައި، މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންނެެވެ.
މޫޑީޒްގެ ރިޕޯޓާ ހަވާލާދީ މާލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، މި ކުރިއެރުން ލިބުނު މައިގަނޑު އެއް ސަބަބަކީ މިއަހަރުގެ ތެރޭގައި 500 މިލިއަން ޑޮލަރުގެ ސުކޫކަކާއި، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް އަދި 100 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލްތައް ސަރުކާރުން ދައްކައި ނިންމާފައިވުން ކަމަށެވެ. މީގެއިތުރުން، 100 މިލިއަން ޑޮލަރުގެ ޔޫރޯބޮންޑު ދެއްކުމުގެ މުއްދަތު 2031 އަށް އިތުރުކުރެވުމަކީ ވެސް ކައިރި މުސްތަގުބަލުގައި ދަރަނި ދެއްކުމަށް އޮތް ބިރު ކުޑަވެގެންދިޔަ ކަމެކެވެ.
ސަރުކާރުން ބޭރު ފައިސާއާ ގުޅޭގޮތުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން، ރާއްޖޭގެ ރަސްމީ ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާވާ ފައިސާ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ބޭރުގެ މާލީ އިދާރާތަކުން ރާއްޖެއަށް ކުރާ އިތުބާރު ބޮޑުވެ، ވޯލްޑް ބޭންކާއި އޭޑީބީ އަދި އޯޕެކް ފަންޑު ހިމެނޭހެން ޖުމްލަ 130 މިލިއަން ޑޮލަރުގެ އެހީ ދައުލަތަށް ވަނީ ހޯދިފައެވެ.
މާލީ އިސްލާހީ ފިޔަވަޅުތަކުގެ ސަބަބުން، 2025 ވަނަ އަހަރު ޖީޑީޕީގެ ނިސްބަތުން 129.2 އިންސައްތައިގައި ހުރި ދައުލަތުގެ ދަރަނި ވަނީ 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 122.6 އިންސައްތައަށް ދަށްކުރެވިފައެވެ.
ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު އުފުލުން ފަދަ ބޭރުގެ ގޮންޖެހުންތައް ހުރި ނަމަވެސް، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ދައުލަތުގެ ހަރަދުތައް ހަމަމަގުގައި ހިފަހައްޓައި، އިގުތިސާދީ ދުވެލި ވަރުގަދަކޮށް، ރައްޔިތުންގެ އަސާސީ ހައްގުތައް ފުރިހަމައަށް ރައްކާތެރިކުރުން ކަމަށް ވެސް މާލީ ވުޒާރާއިން ހާމަކުރެއެވެ.
.png?w=3840&q=75)
.jpg?w=3840&q=75)
-1791455226200.jpeg?w=3840&q=75)
