.jpg?w=3840&q=75)








-
ހަރުދަނާ ޝަޚްޞިއްޔަތަކަށް މީހާ ވަނީ އެމީހަކަށް ލިބިފައިވާ ޢިލްމާއި ހުނަރުތަކަކުން އެކަންޏެއް ނޫން ކަމަށާއި، އަސްލު ހަރުދަނާ މީހަކަށް ވަނީ އެ ޢިލްމާއި ހުނަރު ބޭނުންކުރާ ގޮތެއްގެ މައްޗަށް ބިނާވެގެން ކަމުގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމުކޮށްގެން އައްޑޫ ސިޓީގައި ކުރިއަށްގެންދާ، އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަ ދެއްކުމުގެ މުބާރާތާއި، އައްޝައިޚް ޙުސައިން ޝަރަފުއްދީނުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ބަޙުސް މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިފަދަ ވާހަކަދެއްކުމާއި ބަޙުސް މުބާރާތްތަކުން ދަރިވަރުންގެ ކިބައިގައި ޝަޚްޞިއްޔަތެއްގެ ކިބައިގައި ހުންނަންޖެހޭ ލާޒިމު ސިފަތައް އަށަގަންނުވައިދޭ ކަމަށެވެ. އަދި އަމިއްލަ ނަފްސުގެ ސާބިތުކަން ދަމަހައްޓަން ދަސްވުމުގެ އިތުރުން، ތެދުވެރިކަމުގެ މާތް ސިފައާއި، ސައްޙަ މަޢުލޫމާތާއި، ޢިލްމީ ބުރަދަން ހުރި ވާހަކަތަކަށް ލޯބިކުރުން ފަދަ މުހިންމު ސިފަތައް އަށަގަންނުވައިދޭ ކަމަށް ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން ޤައުމުގެ މުސްތަޤްބަލު އުޖާލާވެ، ހަރުދަނާ ދިވެހި ދަރިންތަކެއް ބިނާވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ބަދަލުވަމުންދާ ދުނިޔެއަށް ދަރިން ތަރުބިއްޔަތު ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވަޒީރު އިތުރަށް ވިދާޅުވީ، ޒަމާނީ ޓެކްނޮލޮޖީއާއެކު ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް އައި ނަމަވެސް، ފިކުރީ ތަފާތުވުންތަކާ ރިވެތި ގޮތުގައި ކުރިމަތިލާން ދަސްކޮށްދިނުމުގެ ހުނަރަކީ މިއަދުގެ މުޖުތަމަޢަށް ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ.
ވަޒީރު ހީނާ ވަލީދުގެ ވާހަކަފުޅު ނިންމަވާލެއްވީ، ޢިލްމުވެރި އަދި ފަޞާޙަތްތެރި މުއްސަނދި މާޒީއެއް އޮތް އައްޑޫ އަދި ފުވައްމުލަކުގެ އެންމެހައި ބައިވެރިންނަށް މުބާރާތުގައި ފަޚުރުވެރި ކާމިޔާބީއަކަށް އެދިވަޑައިގަންނަވަމުންނެވެ.
.jpg?w=3840&q=75)






-1791113559823.jpeg?w=3840&q=75)
