
-
ޤާނޫނު ހަދާ މަޖިލިސްތަކުގެ ދައުރަކީ ހަމައެކަނި ޤާނޫނު ހެދުން ނޫން ކަމަށާއި، ރައްޔިތުންގެ އަޑުއަހައި ސިޔާސަތުތަކުން ހަޤީޤީ ނަތީޖާ ނެރެދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުالله ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޓެންޒޭނިއާގެ އަރޫޝާގައި ކުރިއަށްދާ އިންޓަރ-ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ 153 ވަނަ އެސެމްބްލީގައި، "އެންމެންގެ ޝާމިލުވުމާއި، އިތުބާރާއި، އަދި ފުރުޞަތުތައް ފަހިކޮށްދީގެން ހެޔޮވެރިކަން ކުރިއެރުވުމާއި މުޖުތަމަޢުތައް ބާރުވެރިކުރުވުން" މި މަޢުޟޫޢަށް ތަޤުރީރުކުރައްވަމުންނެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ، ހެޔޮވެރިކަމަކީ ހަމައެކަނި މުއައްސަސާތަކެއް ޤާއިމުކުރުން ނޫން ކަމަށާއި، އެއީ ރައްޔިތުންގެ އަޑުއަހައި، ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދީ، މުއައްސަސާތަކަކީ ރައްޔިތުންނަށް ޖަވާބުދާރީވާ ތަންތަންކަމުގައި ހެދުން ކަމަށެވެ. އެގޮތުން ޤާނޫނު ހަދާ މަޖިލިސްތަކުން ސިޔާސަތުތައް ތަންފީޒުކުރެވޭ މިންވަރު ބެލުމާއި، ދައުލަތުގެ ވަސީލަތްތައް ޒިންމާދާރުކަމާއެކު ބޭނުންކުރެވޭކަން ކަށަވަރުކުރުމުގެ އިތުރުން ނިންމުންތައް ނިންމުމުގައި މުޖުތަމަޢުތަކުގެ ބައިވެރިވުން އިތުރުކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ އިތުބާރު ބިނާވަނީ ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމާއި، ނަޒާހަތްތެރިކަމާއި އަދި ރައްޔިތުންނަށް ފެންނަ ނަތީޖާގެ މައްޗަށް ކަމަށެވެ. އަދި ސިޔާސަތުތަކާއި ޤާނޫނުތަކުގެ އަގު ވަޒަންކުރެވެންވާނީ ރައްޔިތުންގެ ޢާންމު ދިރިއުޅުމަށް އެއިން ގެނެސްދޭ ހެޔޮ ބަދަލުތަކާއި ނެރެވޭ ނަތީޖާތަކުގެ މައްޗަށް ބިނާކޮށް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ޤާނޫނު ހަދާ މަޖިލިސްތަކަކީ މިހާރަށްވުރެ ބޮޑަށް ހުޅުވާލެވިފައިވާ، ރައްޔިތުން ޝާމިލުވާ، އަދި ރައްޔިތުންގެ އަޑުއަހައިގެން އެދެވޭ ނަތީޖާ ނެރެދޭ ތަންތަނަށް ހެދުމަށް ހުރިހާ ޤައުމުތަކުގެ މަޖިލިސްތަކަށް ގޮވާލައްވަމުން، ޑިމޮކްރަސީ ހަރުދަނާކޮށް ހެޔޮވެރިކަން ކުރިއެރުވުމުގައި އެހެން ޤައުމުތަކާ ގުޅިގެން މަސައްކަތްކުރުމުގައި ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ދެއްވާފައެވެ.
.jpg?w=3840&q=75)




.jpg?w=3840&q=75)










