


.jpg?w=3840&q=75)





-
ބައިނަލްއަޤްވާމީ މައިދާނުގައި ވާދަކުރާ ދިވެހި ޕެރާ އެތުލީޓުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށްގެންދާ "100 ސީޓީއެފްޕީ" (100 ސެލެބްރެޓީސް ޓޯކް ފޯ ޕެރާ އެތުލީޓްސް) ހަރަކާތަށް ތާއީދު ކުރެއްވި ދުނިޔޭގެ ފުރަތަމަ މިނިސްޓަރަކަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް، ޢަބްދުﷲ ރާފިޢު ވެވަޑައިގެންފިއެވެ.
މި ހަރަކާތަށް ދިވެހިރާއްޖޭގެ ކުޅިވަރާ ބެހޭ ވުޒާރާގެ އިތުރުން އިންޑޮނޭޝިއާގެ ނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އެންއޯސީ) އިން ވަނީ ފުރިހަމަ ތާއީދު ދީފައެވެ. މި ހަރަކާތުގެ ދަށުން، ރާއްޖޭގެ ޕެރާ އެތުލީޓުންނަށް ހިތްވަރު ދިނުމުގެ ގޮތުން ލިލީމަގުގައި ހުންނަ ޔޫތު ހަބުގައި ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި، ދުނިޔޭގެ ކުޅިވަރުގެ ދާއިރާގެ މަޝްހޫރު ފަރާތްތަކާއި ބައިނަލްއަޤްވާމީ ޝަޚްޞިއްޔަތުތަކުގެ އަގުހުރި މެސެޖުތައް ހިމެނޭ "100 ސީޓީއެފްޕީ" ކާޑުތައް ރާއްޖޭގެ ދެ ޕެރާ އެތުލީޓުން ކަމަށްވާ ޢަބްދުއްރައްޒާޤު ޢަބްދުއްޞަމަދު އަދި ފާޠިމަތު އިބްރާހީމާ ވަނީ ޙަވާލުކޮށްފައެވެ. މި އިވެންޓުގައި މިނިސްޓަރު ޢަބްދުﷲ ރާފިޢުގެ އިތުރުން، ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯ އަދި މޯލްޑިވްސް ޕެރާލިމްޕިކް ކޮމިޓީގެ ރައީސާ ޢާއިޝަތު ނަޒްހަތު ބައިވެރިވެވަޑައިގެންނެވިއެވެ.
"100 ސީޓީއެފްޕީ" ގެ މައިގަނޑު މަޤްޞަދަކީ ޕެރާ އެތުލީޓުންގެ ހިތްވަރާއި، އަޒުމާއި ކެރުން ބަލައިގަންނަ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނާއި މި އެތުލީޓުންނާ ދެމެދު މާނަވީ އަދި ބަދަހި ގުޅުމެއް ޤާއިމުކޮށްދިނުމެވެ.
މިފަހަރުގެ އޭޝިއަން ގޭމްސްގައި ދިވެހިރާއްޖެއިން ވާދަކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 7 ކުޅިވަރެއްގައެވެ. އޭގެ ތެރޭގައި އެތުލެޓިކްސް، ބެޑްމިންޓަން، ބީޗް ވޮލީބޯޅަ، ޓޭބަލް ޓެނިސް، ސްވިމިން، ޝޫޓިން އަދި ސާފިން ހިމެނެއެވެ.



.jpg?w=3840&q=75)
