.jpg?w=3840&q=75)








-
ބެޑްމިންޓަނަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން އަމްޕަޔަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ގދ. ހޯނޑެއްދޫގައި ފެށުމަށް ހަމަޖެހި، އެ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިއީ ކުޅިވަރާ ބެހޭ ވުޒާރާއިން އިސްނަގައިގެން، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް، ހޯނޑެއްދޫ ކައުންސިލް އަދި މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) ގުޅިގެން ކުރިއަށްގެންދާ ތަމްރީނު ކޯހެކެވެ. މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން 31 އޮކްޓޫބަރުގެ ނިޔަލަށެވެ.
މި ތަމްރީނު ކޯހުގައި ފުރުޞަތު ދިނުމަށް ކަނޑައަޅާފައިވަނީ އެންމެ ފުރަތަމަ ފޯމު ހުށަހަޅާ 30 ފަރާތަކަށެވެ. އަދި ބައިވެރިން ހޮވުމުގައި ޢުމުރުން 35 އަހަރުން ދަށުގެ ޒުވާނުންނަށް އިސްކަންދިނުމަށް ވަނީ ނިންމާފައެވެ. މި ކޯހުގެ ސަބަބުން ކުޅިވަރުގެ އޮފިޝަލުންގެ ގޮތުގައި ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ރަސްމީ ފެންވަރުގެ ހުނަރާއި ތަމްރީނު ލިބިގެންދާނެއެވެ.
ހޯނޑެއްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހެވެ. މި ކޯހުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކަށް، އެކަމަށް ޚާއްޞަކޮށްފައިވާ އޮންލައިން ގޫގުލް ފޯމު އަދި ކިއު.އާރު ކޯޑު މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުޞަތު މިހާރު ވަނީ ފަހިކޮށްދީފައެވެ.
.jpg?w=3840&q=75)







