.jpg?w=3840&q=75)
ހުޅުމާލޭގައި ޓޭކްއެވޭ ޚިދުމަތްދޭ ފަރާތްތައް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ "ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދަށް" އަހުލުވެރިކުރުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މި ކޯޕަރޭޝަނާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގުޅިގެން މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ 10:00 އިން 12:00 އަށް، ހުޅުމާލޭ ފަހިވެނި ކޮމިއުނިޓީ ސެންޓަރުގައެވެ. މި ކޯޕަރޭޝަނުން ވިޔަފާރި އުސޫލުން ޓޭކްއެވޭ ޚިދުމަތްދޭން ހުއްދަ ދީފައިވާ އެންމެހާ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ މި ސެޝަން ނަންގަވައިދެއްވީ އެމްއެފްޑީއޭގެ ޓެކްނިކަލް މުވައްޒަފުންނެވެ.
މި އަހަރުގެ ޖޫން ނުވަވަނަ ދުވަހު އެމްއެފްޑީއޭއިން ގެޒެޓުކުރި ގަވާއިދު ނަންބަރު 2026/R-52 "ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދަށް" އަމަލުކުރަން ފަށާނީ ޑިސެންބަރު ނުވަވަނަ ދުވަހުން ފެށިގެންނެވެ. މި ސެޝަންގެ މަގުސަދަކީ ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ޚިދުމަތް ފޯރުކޮށްދޭ ވިޔަފާރިވެރިން ގަވާއިދުގައިވާ ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ މިންގަނޑުތަކަށް އަހުލުވެރިކުރުވުމެވެ. އެގޮތުން، ސެޝަންގެ ތެރެއިން، އާ ގަވާއިދާ ގުޅޭ ގޮތުން ވިޔަފާރިވެރިން ބޭނުންވާނެ އެންމެހާ މައުލޫމާތުތައް ވަނީ ފޯރުކޮށްދީފައެވެ.
އެމްއެފްޑީއޭގެ ގަވާއިދާ އެކު، ކާބޯތަކެތި ބަންދުކުރުމާއި ލޭބްކުރުމުގެ މިންގަނޑެއް ވަނީ އެކުލަވާލާފައެވެ. އެ ގޮތުން، ކާބޯތަކެތީގެ ސާފުތާހިރުކަމާއި، ރައްކާތެރިކަން ކަށަވަރުވާނެ ގޮތަށް ކާބޯތަކެތި ބަންދުކުރުމުގައި ސަމާލުކަން ދޭންޖެހޭނެ ކަންކަން މި ގަވާއިދުގައި ހިމަނާފައިވެއެވެ. އަދި، އެއީ ކޮން ބާވަތެއްގެ އެއްޗެއް ކަމާއި، މުއްދަތު ހަމަވާނެ ތާރީޚު ފަދަ މުހިންމު މައުލޫމާތުތައް ލޭބަލްކުރަން އެމްއެފްޑީއޭގެ ގަވާއިދުން ވަނީ ލާޒިމުކޮށްފައެވެ.
އެހެންކަމުން، ހުޅުމާލޭގައި ވިޔަފާރިކުރާ ފަރާތްތަކުން ގަވާއިދުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ސަމާލުކަން ދިނުމަށް މި ކޯޕަރޭޝަންގެ ފަރާތުން އިލްތިމާސްކުރަމެވެ.
ހުޅުމާލޭގައި ވިޔަފާރިކުރާ ފަރާތްތަކަށް ވިޔަފާރީގެ ފަހި މާހައުލެއް ގާއިމުކޮށްދިނުމަށާއި ވިޔަފާރިކުރާ ފަރާތްތަކަށް ގިނަ ފުރުސަތުތައް ހޯދައިދިނުމަށް މި ކޯޕަރޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
.jpg?w=3840&q=75)






.jpg?w=3840&q=75)




.jpg?w=3840&q=75)



