




.jpg?w=3840&q=75)
.jpeg?w=3840&q=75)

އެޗްޑީސީން 50 ރަށުގެ އައުޓްޑޯ ޖިމްގެ މަސައްކަތް ނިންމައިފިއެވެ.
މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރަން ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން އެކޯޕަރޭޝަނާ ހަވާލުކުރި 71 އައުޓްޑޯ ޖިމްގެ ތެރެއިން 50 ރަށެއްގެ އައުޓްޑޯ ޖިމްގެ މަސައްކަތެވެ.
މި މަސައްކަތް މި ކޯޕަރޭޝަނާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ އޯގަސްޓް 19، 2025 ގައެވެ.
މިހާތަނަށް 50 ރަށުގައި އެންމެ ޒަމާނީ ވަސީލަތްތަކާ އެކު އައުޓްޑޯ ޖިމްގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާއިރު، ބާކީ 21 އައުޓްޑޯ ޖިމްގެ މަސައްކަތް ވެސް ތާވަލާ އެއްގޮތަށް ނިންމާލުމުގެ މަސައްކަތް މި ކޯޕަރޭޝަނުން އަންނަނީ ކުރަމުންނެވެ. އެގޮތުން، ބައެއް ރަށްތަކަށް އާ އައުޓްޑޯ ޖިމް ހަދަން ބޭނުންވާ ސާމާނު ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތާއި، މަރާމާތުކުރަން ޖެހޭ އައުޓްޑޯ ޖިމްތައް މަރާމާތުކުރުމުގެ މަސައްކަތް އެޗްޑީސީން އަންނަނީ ކުރަމުންނެވެ.
ނެޝަނަލް ފިޓްނަސް ޕްލޭނާ އެއްގޮތަށް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅެކެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ މި މަޝްރޫއަށް އެއްބާރުލުން ދިނުމުގެ ގޮތުން މި ކޯޕަރޭޝަނުން ކުރިއަށްގެންދާ މި މަސައްކަތުގެ މަގުސަދަކީ ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމާއި، ދުޅަހެޔޮ ދިރިއުޅުމެއް އުޅެން މީހުންނަށް ބާރުއެޅުމެވެ.





.jpg?w=3840&q=75)
.jpg?w=3840&q=75)
