


.jpeg?w=3840&q=75)





ފުލުހުންގެ މައި މަރުކަޒު, ޝަހީދު ހުސެއިން އާދަމް ބިލްޑިންގް :- ފޮޓޯ | އަހުމަދު ޝުރާއު
ސަރުކާރުގެ މުއައްސަސާތަކުގެ އިދާރާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާކަން ފާހަގަވެފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.ފުލުހުންގެ ޚިދުމަތުން ބުނީ، އެ ޚިދުމަތުގެ ސައިބަރ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު (ސީސޮކް) އިން މޮނިޓަރ ކުރަމުންދާ ކަންތައްތަކުގެ ތެރެއިން، ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.
އެހެންކަމުން، ސަރުކާރުގެ މުއައްސަސާތަކުންނާއި އާންމު ރައްޔިތުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުންގެ ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، އޮޅުވާލައިގެން ފޮނުވާ އީމެއިލްތައް ފަރުމާކޮށްފައި ހުންނަނީ، ބަލާބެލުމަށް އިތުބާރުކުރެވޭ ރަސްމީ އިދާރާތަކުން ނުވަތަ ދަންނަ ފަރާތްތަކުން ފޮނުވާފައި ހުންނަ ސައްހަ އީމެއިލްތަކެއްގެ ގޮތުގައި، އޮޅޭފަދަ ގޮތަކަށްކަމަށެވެ. ހަމަލާދޭ ފަރާތްތަކުން މި އީމެއިލްތަކުގައި ހިމަނާފައި ހުންނަ ނުރައްކާތެރި ލިންކުތަކާއި ފައިލްތައް ފޮނުވާފައި ހުންނަނީ ރަސްމީ އިންވިޓޭޝަނެއް، ލިޔެކިޔުންތަކެއް ނުވަތަ ފައިލް-ޝެއަރިންގ ލިންކުތަކެއްގެ ގޮތުގައިކަމަށް ފުލުހުންގެ ޚިދުމަތުން ބުންޏެވެ.
މިފަދަ ނުރައްކާތެރި ލިންކުތަކަށް ވަދެވި ނުވަތަ ފައިލްތައް ހުޅުވިއްޖެނަމަ، އެ މީހެއްގެ ޔޫޒަރނޭމް އަދި ޕާސްވޯޑް ފަދަ މުހިންމު މައުލޫމާތުތައް ހެކަރުންނަށް ލިބުމުގެ ފުރުޞަތު ބޮޑުކަމަށާއި، އޭގެ ސަބަބުން އިދާރާތަކުގެ ކޮމްޕިއުޓަރު ސިސްޓަމްތަކަށާއި ނެޓްވޯކަށް ހުއްދަނެތި ވަދެ، ސިސްޓަމްތައް ކޮމްޕްރޮމައިޒްވުމުގެ މަގު ފަހިވެގެންދާނެއެވެ.މި ހާދިސާތަކުގައި ބޭނުންކޮށްފައިވާ އުކުޅުތަކާއި ވަސީލަތްތަކަށް ބަލާއިރު، ސީސޮކުން ލަފާކުރާ ގޮތުގައި މިއީ ވަކި އަމާޒެއް ކަނޑައަޅައިގެން، ރޭވިގެން ކުރިއަށްގެންދާ ކެމްޕެއިނެއްގެ ބައެއްކަމަށް ބެލެވެއެވެ. މިކަމާ ގުޅިގެން ފުލުހުންގެ ސީސޮކުން ދަނީ މި ހަރަކާތްތައް ވަރަށް ގާތުން މޮނީޓަރ ކުރަމުންކަމަށާއި އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން، މި ހަމަލާތަކުން ރައްކާތެރިވުމަށް ބޭނުންވާ މައުލޫމާތު ހިއްސާކޮށް، ނުރައްކާތެރި ވެބްސައިޓްތަކާއި ނެޓްވޯކްތައް ބްލޮކް ކުރުމަށް ފިޔަވަޅުތައް ދަނީ އަޅަމުންކަމަށް ބުނެފައިވެވެ. މީގެ އިތުރުން، މި މައްސަލައިގެ ތަހުގީގު އަދި ޓެކްނިކަލް އެނަލިސިސް މިހާރުވެސް ދަނީ ކުރިއަށެވެ.
މިފަދަ ހަމަލާތަކުން ދިފާއުވުމުގެ އެންމެ ފުރަތަމަ ފިޔަވަޅަކީ އާންމުންގެ ސަމާލުކަމާއި ހޭލުންތެރިކަމެވެ. ރައްކާތެރިކަމުގެ މިފަދަ ފިޔަވަޅުތަކަށް ސަމާލުވުމަކީ ސައިބަރ ހަމަލާތަކުން ދިފާއުވުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅުކަމަށް ފުލުހުންގެ ޚިދުމަތުން ބުނެއެވެ.



.jpeg?w=3840&q=75)
