
.jpeg?w=3840&q=75)







ދައުލަތުގެ މުއައްސަސާތަކާއި ޚިދުމަތްދޭ ތަންތަން ހިންގުމުގައި ދައުލަތުގެ މާލިއްޔަތު ގަވާއިދަށް ފުރިހަމައަށް ބޯލަނބައި، ރައްޔިތުންގެ ފައިސާ ޒިންމާދާރުކަމާއެކު ބޭނުންކުރުމަކީ އިންތިހާއަށް މުހިންމު ކަމެކެވެ. ނަމަވެސް، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ 2022، 2023 އަދި 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ފެންމަތިވެފައިވަނީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ފަދަ މާލީ އިސްރާފުތަކަކާއި ގަވާއިދާ ޚިލާފު ޢަމަލުތަކެކެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ތައްޔާރުކޮށްފައިވާ އައްޑޫ ސިޓީ ހިތަދޫގައި ހުންނަ، އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި 14 މައިގަނޑު މައްސަލައެއް ފާހަގަކޮށްފައިވެއެވެ. މީގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވެނީ ބޮޑު އަގުގައި ނުވަތަ ނުއަގުގައި ތަކެތި ގަތުމާއި، ބޮޑެތި މަސައްކަތްތައް އުސޫލުތަކާ ޚިލާފަށް ނުއަގުގައި އެކި ފަރާތްތަކާ ހަވާލުކުރުމުގެ މައްސަލަތަކެވެ.
މިގޮތުން، މާކެޓުގައި ތަކެތި ލިބެން ހުރި އަގަށްވުރެ ބޮޑު އަގުގައި ހޮސްޕިޓަލަށް ބޭނުންވާ އާންމު ކޮންސިއުމަބަލްސް ހޯދާފައިވާކަން އޮޑިޓުން ހާމަވެއެވެ. އޮޑިޓުގައި ސާމްޕަލްގެ ގޮތުގައި ބެލި 3,083,388 (ތިން މިލިއަން އަށްޑިހަ ތިންހާސް ތިންސަތޭކަ އައްޑިހަ އަށެއް) ރުފިޔާގެ ތަކެއްޗަކީ، ދައުލަތުގެ އެހެން އިދާރާތަކުން އެ ތަކެތި ގަނެފައިވާ އަގާއި މާކެޓް އަގަށްވުރެ 2,083,966 (ދެ މިލިއަން އަށްޑިހަ ތިންހާސް ނުވަސަތޭކަ ފަސްދޮޅަސް ހައެއް) ރުފިޔާ އަގުބޮޑުކޮށް ގަނެފައިވާ ތަކެއްޗެވެ. ހަމައެއާއެކު، މެޑިކަލް ކޮންސިއުމަބަލްސް ހޯދުމުގައި ހަރުދަނާ އުސޫލެއް ނެތުމުގެ ސަބަބުން، ސާމްޕަލްގެ ގޮތުގައި ބެލި 23 އައިޓަމަކަށް 1,964,971 (އެއް މިލިއަން ނުވަސަތޭކަ ފަސްދޮޅަސް ހަތަރުހާސް ނުވަސަތޭކަ ހަތްދިހަ އެކެއް) ރުފިޔާ ޚަރަދުކޮށްފައިވާއިރު، އެ ތަކެތި މާކެޓުން 948,511 (ނުވަސަތޭކަ ސާޅީސް އަށްހާސް ފަސްސަތޭކަ އެގާރަ) ރުފިޔާ އަގުހެޔޮކޮށް ލިބެން ހުއްޓެވެ. މީގެ އިތުރުން ބައެއް ތަކެތި ބޭނުންވާ މުއްދަތަށް ނުލިބުމުގެ ދަތިކަންވެސް ކުރިމަތިވެފައިވެއެވެ. ލެބޯޓްރީ ކޮންސިއުމަބަލްސް ފޯރުކޮށްދިނުމުގައި 34,000 ރުފިޔާއަށް ގަނެވެން އޮތް އައިޓަމެއް 1.7 މިލިއަން ރުފިޔާއަށް ގަނެފައިވާކަން އޮޑިޓުން ހާމަވުމަކީ ބޮޑު ޚިޔާނާތަކަށް ޝައްކުކުރެވޭ ކަމެކެވެ.
ހޮސްޕިޓަލުގެ މަރާމާތާއި ވަސީލަތްތައް ހޯދުމުގައިވެސް ބޮޑެތި މައްސަލަތަކެއް ވަނީ ހިނގާފައެވެ. ހޮސްޕިޓަލުގެ އިމާރާތުގެ ބޭރުގައި ޖަހާފައިވާ ތަށިމުށި ބަދަލުކުރުމަށް އެންމެ ކުޑަ އަގު ހުށަހެޅި ފަރާތުގެ ބީލަން ބާތިލުކުރުމަށްފަހު، ލަފާކުރި އަގަށްވުރެ 1 މިލިއަނަށްވުރެ ގިނަ ރުފިޔާ އަގުބޮޑުކޮށް އެހެން ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ. އަދި ސެޕްޓިކް އޯ.ޓީ ރޫމާއި އޭސީ ޑަކްޓް މަރާމާތުކުރުން ބަޖެޓަށްވުރެ 173,189 ރުފިޔާ އިތުރަށް ޚަރަދުވާ ގޮތަށް އެހެން ބަޔަކާ ހަވާލުކުރިއެވެ. މީގެއިތުރުން، އައު ވޭނެއް ގަތުމަށް ހެދި އެއްބަސްވުން އުވާލުމަށްފަހު، އަލުން އިއުލާނުކުރުމަކާ ނުލައި އެހެން ފަރާތަކުން 583,000 ރުފިޔާ އަގުބޮޑުކޮށް ވޭނެއް ގަތުމާއި، ބޭނުންނުކުރާ 3 ކޮޓަރިއަކަށް ކުލީގެ ގޮތުގައި 165,000 ރުފިޔާ ދެއްކުން ފަދަ ޒިންމާދާރުކަން ކުޑަ އެތައް ޢަމަލެއް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި އޮޑިޓް ރިޕޯޓުން ވަރަށް ސާފުކޮށް އެނގިގެންދަނީ ވަކިވަކި ފަރާތްތަކަކަށް މާލީ ނާޖާއިޒު މަންފާތަކެއް ހޯދައިދީ، ދައުލަތަށާއި ހޮސްޕިޓަލަށް ބޮޑެތި ގެއްލުންތަކެއް ވާނޭހެން އަމަލުކޮށްފައިވާ ކަމެވެ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައި ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަންކަން ހިންގުމަށާއި، މިފަދަ ޚިޔާނާތާއި އިސްރާފުގެ އަމަލުތައް ތަކުރާރުނުވާނޭހެން ހޮސްޕިޓަލުގެ މާލީ ނިޒާމު ހަރުދަނާކުރުމަކީ ކޮންމެހެން އަޅަންޖެހިފައިވާ އަވަސް ފިޔަވަޅެކެވެ.

.jpeg?w=3840&q=75)


